ހަބަރު

"ރިލްވާންގެ މައްސަލައިގަ ފުލުހުން އިހުމާލުވާނަމަ ފިޔަވަޅު އަޅާނަން"

ނޫސްވެރިޔާ އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުންގެ މުވައްޒަފަކު އެކަމުގައި ބައިވެރިވެފައިވާނަމަ އެ ފުލުހަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފަި އެވެ.

ރިލްވާންގެ މަރާލި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މަރު ކޮމިޝަނުގެ ތަހުގީގުގައި ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ފުލުހުން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަމާ ގުޅޭގޮތުން މިއަދު ކޮމިޝަނުގެ މެމްބަރުންނާ މަޝްވަރާކޮށްފަވާ ކަމަށެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން އިތުރަށް ތަހުގީގު ކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބަޔާނުގައި އިތުރަށް ބުނީ ރިލްވާނަށް އިންސާފު ހޯދުމުގައި ފުލުހުންގެ ފަރާތުން އެ އާއިލާ އުންމީދު ކުރި ފަދަ އެއްބާރުލުމެއް ފޯރުކޮށްދެވިފަ ނުވާތީ ހިތާމަކުރާ ކަމަށެވެ.

ރިލްވާންގެ މަރާ ގުޅިގެން މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސޫއުދު އިއްޔެ ވިދާޅުވީ ރިލްވާން މަރާލާފައިވަނީ ކަނޑުމަތީގައިކަމަށް މިހާތަނަށް ކުރެވިފައިވާ ތަހުގީގުން ހާމަވާ ކަަމަށެވެ.

ރިލްވާން ހިމެނެނީ މިނިވަން ފިކުރުގެ މީހުންގެ ތެރޭގައި ކަމަށާއި އެ ފިކުރުގެ މީހުން މާލޭގައި ހިންގި ހަރަކާތްތައް ހިންގަން ފެށި ފަހުން ރިލްވާން އާއި އިތުރު ބައެއްގެ ލިސްޓެއް ހަދައި އެ މީހުން މަރާލުމަށް ޓާގެޓަކަށް ހަދާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ ފަހުން ރިލްވާންއަށް ފާރަލަމުން ގެންދިޔަ ކަމަށާއި އެ މީހުންގެ ވާހަކަ ރިލްވާން ވެސް މިނިވަން ނޫހުގައި ލިޔެފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.