މޯލްޑިވްސް ޕޮލިސް ސާވިސް

ރިލްވާން މެރުމުގައި ބައިވެރިވުމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފި

Jun 26, 2022
1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އުމުރުން 39 އަހަރުގެ މއ. ފާގަފިލާގެ، އަހުމަދު އިސްމާއިލް (އަހަނދު)ގެ އިތުރުން މާލެ ދަފްތަރު، އަހްމަދު މުއާޒު (40 އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރިލްވާން މަރައިލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގަ އެވެ.

މި މީހުން ހައްޔަރުކުރަން އުޅޭ އަޑުތަކެއް އިއްޔެއިން ފެށިގެން ފެތުރިފައިވާއިރު، ރޭގެ ވަގުތެއްގައި އިސޫ ވަނީ ފުލުހުންގެ މައި އިދާރާއަށް އަމިއްލައަށް ހާޒިރުވެފަ އެވެ. އެކަމަކު ރޭ ފުލުހުން އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިއަދު އިސޫ ހައްޔަރު ކުރީ ކާނިވަލް ކެފޭއެއްގެ ތެރެއިންނެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް-ގައިދާ ޖަމާއަތަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށެވެ. އޭގެ ތެރެއިން އިސޫ އަކީ ރިލްވާން ގެއްލުނުތާ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ފާރަލީ މީހެކެވެ. އެމީހުން އެކަން ކުރީ ރިލްވާން އަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމަށްފަހު ކަމަށްވެސް ކޮމިޝަނުން ހާމަކޮށްފައިވެ އެވެ.

އަހަނދު އަކީ ސީރިއާގެ ހަނގުރާމައަށް މީހުން ފޮނުވުމާއި އަދި އިތުރު ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އެގޮތުން މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑު އޭނާގެ އޮވެ އެވެ.

ފުލުހުން މިއަދު ހައްޔަރުކުރި އިސޫ އަކީ 2015 ވަނަ އަހަރު ސީރިއާ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން ހައްޔަރުކުރި މީހެކެވެ. މީގެ ކުރިން އޭނާ ވަނީ ޓެރަރިޒަމްގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފަ އެވެ.