ޓެކްނޯލޮޖީ

އާ އައިފޯނުގައި ހިމެނޭނީ ކޮން ފީޗާސްތަކެއް ބާ؟

ރާއްޖޭގައިވެސް އެންމެ މަގުބޫލީ އެޕަލް ކުންފުނީގެ އައިފޯނެވެ. އައިފޯން އަކީ އެޕަލްގެ ކުންފުނީގެ އެންމެ މަގުބޫލު އެއް އުފެއްދުމެވެ. އައިފޯނުގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއެކު އަލަށް ނެރޭ ފޯނުގައި ހިމެނޭނީ ކޮން ފީޗާސްތަކެއްތޯ މިހާރު ބަލަން ބޭނުންވާނެ އެވެ.

އައިފޯނުގެ އެންމެ ފަހުގެ ލައިންއަޕަށް ފަހު ބާޒާރަށް ނެރެން އުޅޭ ފޯނަށް ކިޔާ ނަމާއި އަގު އެޕަލް ކުންފުނިން އަދި ބުނެފައެއް ނުވެ އެވެ. މިމަހު 10 ވަނަ ދުވަހު އާ އައިފޯނުގެ ލައިންއަޕް ދައްކާލުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ. އެ ރަސްމިއްޔާތު އޮންނާނީ ކެލިފޯނިއާގައި ހުންނަ އެޕަލް ކުންފުނީގެ ހެޑް ކްއާޓާގެ ސްޓީވް ޖޮބްސް މެމޯރިއަލް ތީއެޓާގަ އެވެ. އެޕަލް ކުންފުނުނިން އެންމެ އަގު ބޮޑުކޮށް ބާއްވަނީ ވެސް އައިފޯނުގެ ރަސްމިއްޔާތެވެ.

އެއްވެސް އެއްޗެއް އަދި ނޭނގުނަސް މިހާރުވެސް އާ އައިފޯނުން ފެންނާނެ ކަމަށް ބެލެވޭ ބައެއް ފީޗާސްތަކުގެ މައުލޫމާތު އެކި ފަރާތްތަކުން ކިޔައި ދެމުން ދެއެވެ.

ބެޓްރީގެ ބާރު

ގިނަ ބަޔަކަށް އައިފޯނުގައި އެންމެ ކަމުދާ އެއް ސިފައަކީ އައިފޯނުގެ ބެޓެރި ގިނަ ވަގުތު ވަންދެން ހިފަހައްޓައި ދިނުމެވެ. އައިފޯން ލަހުން ޗާޖު ވިޔަސް އެއަކީ މައްސަލައަކަށް ނުހަދަ އެވެ. އައިފޯން އެކްސް އެސް މެކްސްގެ ބެޓެރީގެ ބާރު މިނަކީ، 3,179 އެމްއޭއެޗް އެވެ. އެކްސް އެސް މެކްސްއަކީ އައިފޯން އެކްސް އާރް އާއެކު ނެރުނު ފޯނެކެވެ. އެހެންކަމުން މިއަހަރު ބާޒާރަށް ނެރޭނެ ފޯނުތަކުގެ ބެޓެރި ހަމަ ޔަގީނުން ވެސް 10 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ހުންނާނެ އެވެ. މިއީ އުފާވެރި ހަބަރަކަށް އައިފޯނުގެ ފޭނުންނަށް ވެގެންދާނެ އެވެ.

ތަޅައިގެން ނުދާނެ ޑިސްޕްލޭއެއް

"ފޯނު ކަވަރަކަށް ނުލައި ގެންގުޅެން ބިރެއް ނުގަނޭތަ؟ ވެއްޓޭނީ އެއްފަހަރު އޮންނާނީ ފޯނުގެ ބޭނުން ކެނޑިފައި" މިއީ އާންމުކޮށް އައިފޯން ގެންގުޅޭ މީހުންގެ ސުވާލަކަށްވެފައި އޮވެ އެވެ. ނަމަވެސް ދެނެއް އައިފޯން ކަވަރު ސެޓުތަކުގެ ތެރެއަށް ލައިގެން ގެންގުޅޭކަށް ނުޖެހޭނެ އެވެ. މިހާތަނަށް އައިސްފައިވާ މައުލޫމާތުން އެނގޭގޮތުގައި ދެން ބާޒާރަށް ނެރޭ އައިފޯނުގެ ޑިސްޕްލޭ އާދައިގެ ވެއްޓުމަކުން ތަޅައިގެން ނުދާނެ އެވެ. ފޯނުގެ ފަހަތުގައި ހުންނަ އައިފޯނުގެ ލޯގޯ ދެން ފޮރުވައިގެން އުޅޭކަށް ނުޖެހޭނެ އެވެ.

ޓެލެފޮޓޯ ލެންސް

އައިފޯނުގެ ކެމެރާތަކުގެ މޮޅު ވާހަކައަކީ އަބަދުވެސް އިވޭ ވާހަކަ އެކެވެ. އެޕަލް ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ފޮޓޯގްރަފަރުންގެ އަތުން ބޮޑު އަދި ބަރު ކެމެރާ އަތުލައި، ލުއި ފޯނަކުން ފޮޓޯ ނަގަން މަޖުބޫރު ކުރުމެވެ. މިއަހަރު ބާޒާރަށް ނެރޭ އައިފޯނުގައި ވެސް ޑިޖިޓަލް ކެމެރާތަކާ އެއްވަރަށް ފޮޓޯ ނެގެން ހުންނާނެ އެވެ.

ނައިޓް ވިޝަން ކެމެރާ

މިއީ އައިފޯނުގެ ފޭނުން ބޭނުން ވެގެން އެޕަލް ތައާރަފު ކުރަން ބޭނުންވާ ފީޗާ އެކެވެ. އަނދިރީގައި ވީޑިއޯ ކުރާއިރު ފްލެޝް ލައިޓު ޖައްސާފައި ހުރުމުން ލޮލަށް ވެސް އުނދަގޫވެ އެވެ. އާ އައިފޯނުގެ ކެމެރާގައި ނައިޓް ވިޝަން ހިމާނާނެ ކަމުގެ ޔަގީންކަން އެޕަލް ކުންފުނިން ވަނީ ދީފަ އެވެ

އޮޅިގެން ސްކްރީން ޝޮޓެއް ނުނެގޭނެ

އައިފޯން ގެންގުޅޭ ގިނަ މީހުންގެ ގެލެރީ ފުރިފައި ހުންނަނީ ސްކްރީން ޝޮޓުތަކުންނެވެ. ހަފުލާތަކަށް ގޮސް އިންނަ އިރު ފޯނު ރިންގުވާން ފެށުމުން، ސައިލެންޓަށް ލެވުމުގެ ކުރިން ސްކްރީން ޝޮޓެއް ނެގެ އެވެ. މިއީ ވޭނެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ފޯނުގެ ޕިން ޖެހުމުގެ ތެރޭގައި ވެސް ހަމަ އެ ސްކްރީން ޝޮޓެއް ނެގެ އެވެ. ނަމަވެސް ދެނެއް އޮޅިގެން ސްކްރީން ޝޮޓެއް ނުނުގޭނެ އެވެ. އެޕަލްއިން އާ އައިފޯން ލޯންޗު ކުރާނީ ސްކްރީން ޝޮޓް ނެގޭ ގޮތް ބަދަލު ކުރުމަށްފަހު ގައި ކަމަށް ބެލެވެ އެވެ.

ޗާޖަރަށް ޖަހައިގެން ހެޑްސެޓް ބޭނުން ކުރެވެން ހުންނާނެ

އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން އެކްސްއެސް މެކްސް އާއި އައިފޯން އެކްސްއާރް އެހާ ވަރަށް ނުހިގީ، ޗާޖަރަށް ޖަހައިގެން ހެޑްސެޓް ބޭނުން ކުރެވެން ނުހުންނާތީ ކަމަށް ކަމަށް ގިނަ މީހުން ވަނީ ބުނެފަ އެވެ. މިފަހަރު އެޕަލް އިން މި ގޯސް ރަނގަޅު ކުރާނެ ކަމަށް ބެލެވެ އެވެ.

ޔޫއެސްބީ ވާގަޑުން ޗާޖު ކުރެވޭނެ

މިހާރުވެސް ޔޫއެސްބީ ވާގަޑުން އައިފޯން ޗާޖު ކުރެވެން ހުރެ އެވެ. އެކަމަކު އެ ޗާޖު ކުރެވެނީ ގިނަ ފަހަރާ ސެޓިންއަށް ވަދެގެން ކޮންމެވެސް ގަނޑެއް ގަތުމަށްފަހު އެވެ. ދެން ޔޫއެސްބީ ވާގަނޑުން ޗާޖު ކުރާކަށް ސެޓިން ނުވަތަ ފޯނުގެ ހުޅުވާފައި ބާއްވާކަށް ނުޖެހޭނެ އެވެ.

އިތުރު ޖީބީ ތަކެއް

ކޮންމެ ފަހަރަކު އެޕަލްއިން ފޯނު ނެރެނީ ޖީބީ ތަކެއް އިތުރު ކުރުމަށްފަހު އެވެ. ނަމަވެސް ފޮޓޯ އަދި ވިޑިއޯ ކުރާވަރު ގިނަ ވުމުގެ ސަބަބުން ފޯނުގެ މެމްރީއަށް ނުކަތާވަރު ވެގެން ނޯޓިފިކޭޝަން އާދެ އެވެ. 107 ޖީބީ އާއެކު ފޯނު ލޯންޗު ކުރުމުން ވެސް ޝަކުވާއަކަށްވީ ޖީބީ މަދު ވާހަކަ އެވެ. މިހެން ވަނީ އައިފޯނުން ނަގާ ފޮޓޯތަކުގެ ކޮލިޓީ ރަނގަޅުވުމުންނެވެ. އާންމު ގޮތެއްގައި އައިފޯނެއްގެ ފޮޓޯއެއްގައި 16 އެމްބީ ހުރެ އެވެ. އެޕަލްގެ އިންޖީނިއަރަކާ ހަވާލާދީ "ޕިސިސް" ރިޕޯޓްކުރި ގޮތުގައު މިއަހަރު ނެރޭ އައިފޯނުގެ ކެޕޭސިޓި އެހެން ފޯނުތަކާ ދެ ގުނަ ބޮޑުވާނެ އެވެ. ނަމަވެސް އެއީ ކިތައް ޖީބީ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ފޭސް ލޮކް ރިމޫވް ކޮށްލުން

އައިފޯނުގައި ފޭސް ލޮކް ފީޗާސް ހުރުމުން ފުރަތަމަ ކޮޅު ގިނަ ބަޔަކު އެކަމާ ހިތްހަމަ ޖެހުނެވެ. ނަމަވެސް ފަހުން ކިތަންމެ ވަރަކަށް އެކި ގޮތްގޮތްތަށް މޫނު ދިށްކޮށްގެން ވެސް ފޯނު ނުހުޅުވޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މި މައްސަލަ އެންމެ ބޮޑަށް ދިމާވީ 2017 ވަނަ އަހަރު ބާޒާރަށް ނެރުނު ފޯނުތަކުގަ އެވެ. އަދި 2018 ވަނަ އަހަރު ނެރުނު ފޯނު ތަކުންވެސް މި މައްސަލަ ދިމާވެ އެވެ. އެހެންކަމުން މިހާރު ގިނަ މީހުން ބޭނުންވަނީ ފޭސްލޮކް އައިފޯން ފީޗާސްތަކުގެ ތެރެއިން އުވާލާށެވެ.