ދިވެހި ސިނަމާ

"ބަވަތި" އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި

އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ރެޑް ކާޕެޓް ހަފުލާއާއެކު އޮލިމްޕަހުގައި ރޭ ޕްރިމިއާ ކޮށްފި އެވެ.

ފިލްމު ޕްރިމިއާ ކުރި ރަސްމިއްޔާތުގައި ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނީ މި ފިލްމަކީ 20 އަހަރު ވަންދެން ކުރި އިންތިޒާރެއްގެ ނިމުން ކަމަށާއި ފިލްމުގެ ތަރިން މި ފިލްމު ކުޅެން އެއްބަސްވީތީ ޝުކުރު އަދާ ކުރާ ކަމަށެވެ.

ހައުސްފުލް ޝޯ އަކާއެކު ޕްރިމިއާ ކުރި މި ފިލްމު ބެލުމަށްފަހު ސިނަމާ އިން ނިކުތް ގިނަ މީހުން ވަނީ ފިލްމަށް ތައުރީފު ކޮށްފަ އެވެ. ފީޗާ ފިލްމަކުން އަލަށް ތައާރަފުވި އެކްޓަރު، އަހްމަދު އިފްނާޒާއެކުގައި ފެނުނު ލީޑް ތަަރި ނުޒުހަތު ޝުއައިބުގެ އެކްޓިންއަށް ވެސް ތައުރީފު ކުރި އެވެ.

ގިނަ ބަޔަކަށް ހީވެފައި އޮތް ގޮތާ ހިލާފަށް މި ފިލްމަކީ ސީދާ ބިރުވެރި ފިލްމެއް ނޫނެވެ. ފިލްމުގައި ދެނީ މުޖުތަމައަށް ބޮޑު މެސެޖެއް ކަމަށް ފިލްމު ބެލުމަށްފަހު ސިނަމާއިން ނުކުތް ގިނަ މީހުން ބުނެފައި ވެއެވެ.

ސައިކޮލޮޖިކަލް ތްރިލާ ޖޯންރާއަށް ހަދާފައިވާ މި ފިލްމުގައި ދައްކުވައި ދޭނީ އާއިލީ މައްސަލަތަކުގެ ތެރެއިން ބޮޑުވަމުން އަންނަ ކުއްޖެއްގެ ހަޔާތަށް ރޫހާނީ ބާރުތަކެއް އައިސް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެކެވެ.

ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރި ފުރަތަމަ ޝޯ އާއެކު 21 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައި ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފަ އެވެ. މި ފިލްމަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓު ކުރި ފުރަތަމަ ފިލްމެވެ.