ސްރީލަންކާގައި ތައުލީމު ހާސިލް ކުރާ ދިވެހި ކުދިންގެ މާމައިންނާއި ކާފައަށް ވެސް ރެސިޑެންސް ވިސާ ދޭ ގޮތަށް ނިންމަވާފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.
ރަނިލް މިވަގުތު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއެކު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ވިސާ ފެސިލިޓޭޝަން އެގްރީމަންޓެއް ހިމެނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ލަންކާއަށް ދަތުރުވަރިއެއްގައި ޒިޔާރަތްކުރާ ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެ އެވެ. އެއްބަސްވުމުގެ ދަށުން ދެގައުމުގައިވެސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާނެ އެވެ. އަދި، ލަންކާގައި ތައުލީމު ހާސިލުލުކުރާ އަށާރަ އަހަރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ އެއްބަސްވުމަށް މިގެންނެވި ލުއިފަސޭހަކަމުގެ ބޭނުން ހިފޭނެ އެވެ.
މައިންބަފައިންނާއި ބެލެނިވެރިންނަށް އެ އެއްބަސްވުމުގެ ދަށުން ލިބޭ ލުއިތަކުގެ އިތުރުން، ލަންކާގައި ކިޔަވާ ކުދިންގެ ކާފަ އާއި މާމައަށް ވެސް އެކުދިން ކައިރީ ތިބުމުގެ ފުރުސަތު ދިނުމަށް ވިސާ ހަމަޖެއްސުމަށް ނިންމަވާފައިވާކަމަށް ރަނިލް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތަގުރީރުގެ ތެރެއިން ވިދާޅުވެފަ އެވެ.
"ހާއްސަ އެރޭންޖްމަންޓެއްގެ ދަށުން، ލަންކާގައި ކިޔަވާ ކުދިންގެ މާމަ އާއި ކާފައަށް ވެސް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައި. އޭރުން ކާފަދަރިންނާއި މާމަދަރިން ކައިރީ ތިބުމުގެ ފުރުސަތު ލިބިގެންދާނެ،" ރަނިލް އިއުލާނުކުރެއްވި އެވެ.
ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ޒަމާނުއްސުރެ ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ރަނިލް އިތުރަށް ވިދާޅުވީ، ރާއްޖެއާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ދިވެހިންނަށް މިހާރު ކިޑްނީ އާއި ލިވާ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު ލަންކާގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލުތަކުން ކުރުމުގެ މަގު ވެސް ފަހިވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، އައްޑޫގައި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއްގެ އިތުރުން ދެ ސްކޫލެއް އެޅުމަށް ލަންކާ ސަރުކާރުން އެހީވުމަށް ނިންމަވާފައިވާކަމަށް ވެސް ރަނިލްގެ ތަގުރީރުގައި މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ. އަދި ވޮކޭޝަނަލް ދައިރާއިން ދިވެހި ޒުވާނުން ތަރައްގީ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ޓީޗަރުން ފޮނުމުގެ އިތުރުން، ލަންކާގައި މަތީ ތައުލީމު ހާސިލްކުރުމުގެ އިތުރު ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ދިނުމަށް ނިންމަވާފައިވާކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.
ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގައި ޗެއާ ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެ ޤައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.