ހަބަރު

ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ނިހާޔަތު ކުރިމަތިލައްވައިފި

Sep 3, 2019
10

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އެމަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު ކުރިމަތި ލައްވައިފި އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ހުސްވެފައި އޮތީ ފަނޑިޔާރު އަބްދުﷲ ދީދީގެ މަގާމެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ތިން އަހަރު ދުވަހު އަދާކުރެއްވުމަށްފަހު އޭނާ އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި އެވެ. އޭގެ ކުރިން އޭނާ ވަނީ ހަ އަހަރު ދުވަސް ވަންދެން ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފަ އެވެ.

ނިހާޔަތު އެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނާ އެ މަގާމަށް ކުރިމަތިލާފައިވާއިރު ސުޕްރީމް ކޯޓަށް އާ ދެ ފަނޑިޔާރުން އައްޔަން ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ. އެ ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު ވަނީ ތައާވަލްކޮށްފަ އެވެ.

މުއްދަތު ހަމަވިއިރު އެ މަގާމަށް ނިހާޔަތުގެ އިތުރުން ކުރިމަތި ލައްވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ. ފަނޑިޔާރު ސަމީރު މީގެ ކުރީ ފަހަރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލެއްވި އެވެ.

ޖޭއެސްސީއިން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަން ކުރަން އެ ކޮމިޝަނަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތް އޮންނަނީ އެގޮތަށެވެ. ފަނޑިޔާރު ކަމަށް އެމީހަކު އައްޔަން ކުރެވޭނީ ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފި ނަމަ އެވެ.