ހަބަރު

އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވައްދާތީ ޕާޓީތަކާ މަޝްވަރާކޮށްފި

ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރަނީސް، ސޮއި ކުރިކަމަށް ބުނެ ޕާޓީތަކުގެ ދަފުތަރުގައި ހިމަނަން އިލެކްޝަންސް ކޮމިޝަންސް (އީސީ) އަށް ހުށައަޅަމުންދާ ފޯމްތަކުގެ މައްސަލަތައް ހައްލު ކުރުމަށް ސިޔާސީ ޕާޓީތަކާއެެކު މަޝްވަރާ ކޮށްފި އެވެ.

އީސީގެ ތަރުޖަމާން އަދި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާއަކީ ޕާޓީއަކަށް ސޮއި ނުކުރަނީސް، ސޮއި ކުރި ކަމަށް ބުނެ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަން ފޯމް ހުށައަޅަމުންދާތީ އެފަދަ ކަންކަން ހުއްޓުވޭނެ ގޮތްތަކާއި ގުޅޭގޮތުން ކުރިޔަށް ގެންދިޔަ މަޝްވަރާތަކެއް ކަމަށެވެ.

އެ މަޝްވަރާތަކުގައި އީސީއަށް އެގޮތަށް ހުށަހަޅާ ފޯމްތައް ޗެކްކުރާނެ އުސޫލެއް ކަނޑައަޅައި އެކަން ޕާޓީތަކާއި ހިއްސާކޮށްފައިވާ ކަމަށް ވެސް އަކްރަމް މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްވަރާތަކުގައި އެންމެ ބޮޑު ދެ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމުން ބައިވެރިވެފައި ނުވާ ކަމަށެވެ. މީގެ ކުރިން ޕާޓީތަކާއެކު އީސީން ބޭއްވި ބައްދަލުވުމުގައި ވެސް އެމްޑީޕީ ބައިވެރިވެފައެއް ނުވެއެވެ.


އަކްރަމް ވިދާޅުވީ މިއަދުގެ ބައްދަލްވުމުގައި ބައިވެރިވި ހުރިހާ ޕާޓީތަކުގެ މަންދޫބުންނަށް އީސީއަށް ހުށައެޅޭ ފޯމްތައް ޗެކް ކުރާ އުސޫލާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ އުސޫލަށް ޕާޓީތަކުން އިސްލާހު ހުށައަޅަން ފުުރުސަތު ދީފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރަނީސް، ސޮއި ކުރިކަމަށް ބުނެ ޕާޓީ ދަފތަރުގައި ހިމަނަން އީސީއަށް ބައެއް ސިޔާސީ ޕާޓީތަކުން ފޯމް ހުށައަޅާ ކަމުގެ ޝަކުވާއަކީ ބޮޑު ވެފައި އޮންނަ ޝަކުވާއެކެވެ. އެކަމާއި ގުޅިގެން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދާދިފަހުން ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވާ ގޮތުގައި މީހެއްގެ ހުއްދަ ނެތި ޕާޓީތަކަށް މީހުންގެ ސޮއި ގެންދާ މައްސަލަ ހުއްޓުވޭނެ ގޮތެއް ނެތެވެ. އީސީގައި އެކަމަށް އެކަށީގެންވާ ވަސީލަތެއް ވެސް ނެތެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެންބާޝިޕް ފޯމުތައް ކަށަވަރު ކުރުމަށްޓަކައި އެ ކޮމިޝަންގައި ފިންގަ ޕްރިންޓް ސްކޭން ކުރާނެ ވަސީލަތެއް ގާއިމު ކުރެވިފައި ނުވާ ކަމަށާއި ކުރިން ވެސް އެފަދަ ވަސީލަތްތައް ގާއިމު ކުރަން ބަޖެޓު ހޯދަން މަސައްކަތް ކުރި ކަމަށެވެ.

"ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މިހާތަނަށް ވެސް ކޮމިޝަންގައި ފިންގަ ޕްރިންޓް ވެރިފިކޭޝަން ސިސްޓަމެއް ގާއިމެއް ނުކުރެވޭ. ފިންގަ ޕްރިންޓް ޖެހުމާއި ނުޖެހުމެކޭ ހަގީގަތުގައި އެއްވެސް ތަފާތެއް ނެތް. ފިންގަ ޕްރިންޓް ސްކޭން ކުރަން އަޅުގަނޑުމެން ފުލުހަށް ވެސް މި ގެންދަނީ މައްސަލައެއް ދިމާވެއްޖެއްޔާ،" ޝަރީފު ވިދާޅުވި އެވެ.