ހަބަރު

20 އަހަރުގެ އުންމީދު ހާސިލްކުރީ މޮޅު އުފެއްދުމަކުން!

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ރޭ ވަނީ ޕްރިމިއާކޮށްފައެވެ. ދިވެހި ފިލްމީ އިންޑަސްޓްރީއަށް އަލަށް ނުކުތް "އައި ފިލްމްސް" ގެ ފުރަތަމަ އުފެއްދުމުގެ ގޮތުގައި "ބަަވަތި" އޮލިންޕަހުގައި ސްކުރީން ކުރިިއިރު މިއީ އިއްލެއަށް ވަރަށް ޚާއްސަ ފިލްމެކެވެ. މިއީ އޭނާގެ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމް ރިލީޒްވުމާއެެކު 20 އަހަރު ކުރިން އޭނާ ކުރި އުންމީދު ހާސިލްވީ އެވެ.

މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، ގިނަ ޓީވީ ޕްރަގްރާމްތަކެއް އުފައްދާފައިވާ އިއްލެ ރޭ ބުނީ ބޮޑު ފިލްމެއް އުފައްދާ ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަކީ މީގެ 20 އަހަރު ކުރިން ފެށިގެން އޭނާ ކުރި އުންމީދެއް ކަމަށެވެ. އަދި އެހާ ދިގު މުއްދަތަކަށްފަހު އުންމީދު ހާސިލް ވުމުން ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމަށެވެ.

"ބަވަތި" ރޭ ޕްރިމިއާކޮށް އޭނާގެ 20 އަހަރުގެ އުންމީދު ހާސިލް ކޮށްފައިވާއިރު، އެންމެ ބޮޑު އުފަލެއް ލިބުނީ ބެލުންތެރިން ފިލްމު ބަލައިގަތުމުންނެވެ. ރޭގެ ހަފުލާ ފެށުނީއްސުރެ އޮލިންޕަސް އޮތީ ތަރުހީބުގެ އަތްތިލަބަޑީގަ އެވެ. ފިލްމު ފެށިގެން ނިމުމާއި ހަމައަށްވެސް ބެލުންތެރިންގެ ތަރުހީބު އޮތެވެ. އަދި ފިލްމު ނިމުމާއެކު އޯޑިއެންސް އެއްކޮށް ކަހަލަ ގޮތަކަށް ތަރުހީބުގެ އަތްތިލަބަޑި އެއް ދިނެވެ.

ޝުކުރު ހައްގީ މި މަސައްކަތުގައި އެހީތެރިވެދިން ފަރާތްތަކަށް. ކުޑަނަމަވެސް އެހީތެރިކަމެއް ވެދިން ކޮންމެ މީހަކަށް ޝުކުރުވެރިވަން. ޚާއްސަކޮށް އަޅުގަނޑުގެ ދެ ފަރާތުގެ އާއިލާއާ ރަހުމަތްތެރިން
އިލްޔާސް ވަހީދު | ޑައިރެކްޓަރު

އެއީ ބެލުންތެރިންނަށް ބަވަތި ކަމުދިޔަކަން އަންގައިދޭ ހެއްކެކެވެ. އަދި ފިލްމު ބެލި ގިނަ މީހުން ވަނީ އިއްލެއާއި ބައްދަލްކޮށް ހިތްވަރު ދީ އޭނާގެ މަސައްކަތަށް ތައުރީފު ކޮށްފަ އެވެ. އަދި ތަރިންގެ އެކްޓިންގެ މޮޅުކަން ފާހަގަކޮށްފައި ވެއެވެ.

"ބަވަތި" - މޮޅު ފިލްމެއް

މި އަހަރަކީ ދިވެހި ސިނަމާއަށް ގިނަނ ފިލްމުތަކެއް ނުކުންނަމުންދާ އަހަރެކެވެ. ކުރީ އަހަރުތަކާއި ޚިލާފަށް އޮލިމްޕަސް މި އަހަރު ވަރަށް ބިޒީއެވެ. މިއަހަރު ފެށުނީސުރެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި އެއް ފިލްމަކީ ރޭ ޕްރިމިއާ ކުރި "ބަވަތި" އެވެ.

މިއީ ވަރަށް ގިނަ އަދަދަކަށް އާ ތަރިން ފެނިގެންދިޔަ އަދި މުޖްތަމައުއަށް މުހިންމު މެސެޖްތަކެއް ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ޕްރިމިއާކުރުމުގެ ކުރިން ޕްރޮޑަކްޝަން ޓީމުން އެންމެ ބޮޑަށް ފާހަގަކުރި ދެ ޕޮއިންޓަކީ އެއީ އެވެ. އެހެންކަމުން ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރުކުރީ އެ ސަބަބުތަކާ ހެދި އެވެ.

މީގެ އިތުުރުން "ބަވަތި" އިޝްތިހާރު ކުރަން ނެރުނު ޓީޒާތަކާއި، ޓްރެއިލާތައް އަދި ފިލްމުގެ ޕްރޮމޯޝަނަލް ލަވަތަކަކީވެސް ގިނަ ބަޔަކު ފިލްމަށް އިންތިޒާކުރި ސަބަބުތަކެވެ.

"ބަވަތި" އިޝްތިހާރުކުރުމަށް ނެރުނު ޓީޒާތަކާއި، ޓްރެއިލާތަކުން ގިނަ ސުވާލުތަކެއް އުފެދުނެވެ. އެންމެ ބޮޑަށް ސުވާލު އުފެދުނީ ފިލްމުގެ ޖޯންރާއާ މެދު އެވެ. ޓްރެއިލާއާއި ޓީޒާތަކުން ފިލްމުގެ ހަގީގީ ރަހަވެސް މުޅިން ޔަގީނެއް ނުކުރެވުނެވެ. އެއީވެސް އިންތިޒާރުކުރަން ޖެހުނު ސަބަބެކެވެ.

ސައިކޮލޮޖިކަލް ތްރިލާ ޖޯންރާއަށް ހަދާފައިވާ މި ފިލްމު މިހާތަނަށް ބެލި މީހުންނަށް ފިލްމުގެ ބޮޑު މަންޒަރު ސާފުވީ ނަމަވެސް، އަދިވެސް ޓިކެޓް ނަގައިގެން ފިލްމުގެ އިންތިޒާރުގައި ތިބި ބެލުންތެރިން ތިބީ ފިލްމަކީ ކޮން ރަހައެއްގެ ފިލްމެއްތޯ ސުވާލު ކޮށްލަކޮށްލަ އެވެ.

"ބަވަތި" ގައިވެސް އެންމެ ފާހަގަ ކޮށްލެވެނީ ފިލްމުގެ ސްކްރީންޕްލޭ އެވެ. ޑައިރެކްޓަރު އިއްލެ ލިޔެފައިވާ ސްކްރީންޕްލޭ ފިލްމު ބެލި ގިނަ ބަޔަކު ފާހަގަ ކުރި އެވެ. ފިލްމު ފެށިގެން ނިމުމާއި ހަމައަށް ވެސް ދެންވާނެ ގޮތަކަށް އިންތިޒާރު ކުރަން ޖެހުނެވެ. ހިނދުކޮޅަށްވެސް ފިލްމުގެ ސަސްޕެންސް ގެއްލިގެންނުދެއެވެ. މިއީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކަމެކެވެ.

ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން ނުޒޫ އާއި ދަރާ ރަޝީދު ފިޔަވައި ދެން ތިބީ މުޅިން ވެސް އާ ތަރިންނެވެ. ނަމަވެސް މިއީ ގިނަ އަދަދަކަށް އާ ތަރިން ބައިވެރިކޮށް އުފައްދާފައިވާ ފިލްމެއް ކަމުގެ އިހުސާސެއް ނުކުރެވެއެވެ. އެކްޓަރުންގެ އެކްޓިން ރަނގަޅެވެ. ވަރަށް ގިނަ ބެލުންތެރިން ވަނީ ފިލްމުގައި ނުޒޫގެ އެކްޓިން މޮޅުކަން ފާހަގަކޮށް ތައުރީފު ކޮށްފަ އެވެ. އަދި އަލަށް ބޮޑު ފިލްމަކުން ފެނިގެންދިޔަ އިފްނާޒުގެ އެކްޓިންއަށް ވެސް ބެލުންތެރިން ތައުރީފު ކޮށްފައި ވެއެވެ.

މީގެ އިތުރުން ފިލްމުގައި ހިމެނޭ ސްޕެޝަލް އިފެކްޓްސްތަކުގެ ފުރިހަމަކަމީ ފިލްމު ރީތިވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ. އަދި ރީތި ހިތްގައިމު މާހައުލުތަކެއް ފެނިގެން ދިއުމާއި، ފިލްމުގެ މަންޒަރުތަކުގެ ނަލަކަން ވެސް މޮޅު ފިލްމަކަށް ވުމުގައި މުހިންމު ދައުރެއް އަދާކުރެއެެވެ.

އަބަދުވެސް ފިލްމުތައް ޕްރޮމޯޓްކުރަން ބުނާ އެއް ވާހަކައެއް މިއީ ވަރަށް ތަފާތު ފިލްމެކޭ. ވަރަށް ސަސްޕެންސް ހިމެނޭނޭ. ނަމަވެސް އެކަން ގިނަ ފަހަރަށް ހަގީގަތަކަށް ނުވޭ. އެކަމަކު ހަގީގަތުގައި ބަވަތި މިއީ އެ ހުރިހާ ރަހައެެއް ހިމެނޭ ފިލްމެއް. ވަރަށް މޮޅު އުފެއްދުމެއް. ކޮންމެ މީހަކުވެސް ބަލާލަން ރަނގަޅު ފިލްމެއް. އެންމެ ޚާއްސައީ ފިލްމުން ދޭ މެސެޖް. މިއީ އެތައް ބަޔަކު މިހާރުވެސް ގޯތުރޫކުރާނެ ކަންކަން. އެހެންވީމަ ވަރަށް ރަނގަޅު މެސެޖެއްވެސް ލިބޭނެ
ބެލުންތެރިއެއް

"އަބަދުވެސް ފިލްމުތައް ޕްރޮމޯޓް ކުރަން ބުނާ އެއް ވާހަކައެއް މިއީ ވަރަށް ތަފާތު ފިލްމެކޭ. ވަރަށް ސަސްޕެންސް ހިމެނޭނޭ. ނަމަވެސް އެކަން ގިނަ ފަހަރަށް ހަގީގަތަކަށް ނުވޭ. އެކަމަކު ހަގީގަތުގައި ބަވަތި މިއީ އެ ހުރިހާ ރަހައެެއް ހިމެނޭ ފިލްމެއް. ވަރަށް މޮޅު އުފެއްދުމެއް" ބެލުންތެރިޔަކު ބުންޏެވެ.

"ބަވަތި" ބަލަންޖެހޭ ގިނަ ސަބަބުތަކެއް ހުރިއިރު، މިއީ މި ފަހުން ސްކްރީނަށް އައި އެންމެ ތަފާތު އެއް ފިލްމޭ ބުނެވިދާނެއެވެ. އަދި މިއީ ކޮންމެހެން ބަލާލަންޖެހޭ ފިލްމެކޭވެސް ބުނަން ޖެހެ އެވެ.

ކުރިއަށް އޮތް 19 ރޭވެސް އޮލިންޕަހުގައި ފިލްމު ދައްކާނެ އެވެ. އަދި ވަރަށް އަވަހަށް އަތޮޅުތެރޭގައި ވެސް ފިލްމު ދައްކަން ފަށާނެ އެވެ. މިހާރު ވެސް އޮލިންޕަހުގެ ޓިކެޓް ކައުންޓަރުތަކުން ޓިކެޓް އެ ދަނީ ވިކެމުންނެވެ. "ބަވަތީ" ގައި ވާގޮތް ބަލާލަން އަވަހަށް ޓިކެޓެއް ގަނެލާށެވެ.