އީރާން

ރޮކެޓް ގޮވީ ޓެކްނިކަލް މައްސަލައަކުން: އިރާން

އިރާނުގެ ޖައްވީ އިދާރާ، އިމާމް ހުމައިނީ ސްޕޭސް ސެންޓަރުން ޖައްވަށް އުދުއްސާލަން އުޅުނު ރޮކެޓެއް ގޮވައިގެން އެމެރިކާއިން އެކަމަށް ހަޖުލާއެކު ފާޑު ކިޔުމުން، އެކަމަށް އިރާން ސަރުކާރުން ރައްދުދީފި އެވެ. އިރާން ސަރުކާރުގެ ތަރުޖަމާނު އަލީ ރަބީލް ވިދާޅުވީ، ރޮކެޓް ގޮވީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އަލީ ރަބީލް ވިދާޅުވީ، ރޮކެޓް ގޮވާފައި ވަނީ އުދުއްސާލަން މަސައްކަތް ކުރަނިކޮށް ނޫން ކަމަށާއި، ރޮކެޓް ގޮވާފައި ވަނީ ޓެސްޓު ސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ކަމަށެވެ. އެ ރޮކެޓް ގޮވާފައި ވަނީ ވެސް ޓެސްޓު ސައިޓުގައި ކަމަށެވެ.

ލޯންޗުޕެޑުގައި ހުއްޓާ ރޮކެޓް ގޮވިކަމަށް ބުނެ އެމެރިކާއިން ފަތުރާ މައުލޫމާތު އަލީ ރަބީލް ވަނީ ދޮގު ކޮށްފަ އެވެ.

އިރާނުން ޖައްވަށް ފޮނުވާލަން އުޅުނު ރޮކެޓް ގޮވުމުން، އެކަމާ އެންމެ ބޮޑަށް އުފާ ފައުޅު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މިއީ އިރާނުން ޖައްވަށް ފޮނުވާލަން އުޅުނު ތިން ވަނަ ރޮކެޓެވެ. މިހާތަނަށް އިރާނުން ޖައްވަށް ރޮކެޓް ފޮނުވާލުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވެ އެވެ.

އެމެރިކާއިން ވަނީ އިރާންގެ ލޯންޗުޕެޑު ގޮވާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އެއް ވެސް އާންމުކޮށްފަ އެވެ. ނަމަވެސް އަލީ ރަބީލް ވިދާޅުވީ، އެ ފޮޓޯ އަކީ އެމެރިކާގެ ޖާސޫސީ ސެޓްލައިޓުން މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ ފޮޓޯ އެއް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭގެ އިރާންގެ ޖައްވީ މިޝަން ފެއިލްވުމުން އެމެރިކާގެ ރައީސް މީހާވަރަށް އުފާވާންވި ސަބަބެއް، ހަމަ އެއްވެސް ވަރަކަށް ނުވިސްނޭ ޓްރަމްޕު އުފާ ކުރައްވަނީ ކޮންކަމަކާ ކަމެއް، އެ ފޮޓޯ އަކީ މީގެ އަހަރުތަކެއް ކުރިން ޖާސޫސްކުރާ ސެޓްލައިޓަކުން ނަގާފައިވާ ފޮޓޯއެއް،" އަލީ ރަބީލް ވިދާޅުވި އެވެ.