އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއި ކުރި ޖިނާއީ ތަހުގީގުތަކާއިގުޅޭ ގާނޫނީ އެހީ ދިނުމުގެ އެއްބަސްވުމުގެ ލިޔުން ދެ ފަރާތުން މިއަދަު ހަވާލުކޮށްފި އެވެ.
ދެ ފަރާރުން ލިޔުން ބަދަލު ކުރި މުއާހަދާ އަކީ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އެވެ.
އެއްބަސްވުން ބަދަލު ކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރިމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެވެ.
ޖިނާއީ ކުށްތައް ހުއްޓުވަން އެއްބާރުލުން ދިނުމަށް އިންޑިއާ އާއި ރާއްޖެ ދެމެދު މުއާހަދާގައި އެންމެ ފުރަތަމަ ސޮއި ކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެގޮތުން 2011 ވަނަ އަހަރުގައި ވެސް އެ އެއްބަސްވުމުގައި ސޮއި ކުރަން މަޖިލީހުން ރުހުން ދިނެވެ. ނަމަވެސް އޭރު މަޖިލީހަށް ފޮނުވާފައި ވަނީ އިންޑިއާއިން ބަލައިގެންފައިވާ ދެލޮކޮޕީއެއް ނޫން ކަމަށް ބުނެ އެ މަސައްކަތް އޮތީ މަޑު ޖެހިފަ އެވެ.
އެއަށް ފަހު އައި ކުރީގެ ދެ ސަރުކާރުގައި ވެސް އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. މިއީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން އެހެން ގައުމަކާއެކު ގާއިމް ކުރި ފުރަތަމަ މުއާހަދާ އެވެ.
ޖުމުލަ 26 މާއްދާއެއް އެކުލެވޭ އެ މުއާހަދާގައިވާ ގޮތުން ތަހުގީގަށް މައުލޫމާތެއް ހޯދަން އެއް ގައުމުން އަނެއް ގައުމަށް މީހަކު ގެންދެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ކަމަށް މުއާހަދާގައިވެ އެވެ. އަދި އެ މީހާގެ ހުއްދަ ވެސް އޮވެގެން ކަމަށް ވެސް އެ މުއާހަދާގައި ބުނެފައިވެ އެވެ. އަދި އެ މީހަކު ހަވާލު ކުރެވޭ ގައުމެއްގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރަން ޖެހިއްޖެ ނަމަ ބަންދު ކުރެވޭނެ ކަމަށާއި ނަމަވެސް ގެންދިޔަ ބޭނުން ފުރިހަމަވުމުން އަނބުރާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް މުއާހަދާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ޖިނާއީ ތަހުގީގެއް ކުރިޔަށް ދާއިރު ތުހުމަތު ކުރެވޭ މީހާ ހުރި ތަނަކާއި އޭނާގެ މާލީ މުއާމަލާތްތަކާ ގުޅޭ ރިކޯޑުތަކާއި ބެންކިން އަދި އިންވެސްޓްމަންޓާ ގުޅުން ހުރި ކަންކަން ފޯރުކޮށްދޭން ޖެހެ އެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައިވަނީ އެންމެ ފަހުން ދެގައުމުގެ އިސްވެރިން ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަންކަން ކުރިއަށްދާ މިންވަރު ބެލުމަށެވެ. ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްވެސް މިއަދު ވަނީ އަނެއްކާވެސް މަޝްވަރާކޮށްފަ އެވެ.