ހަބަރު

ކަމާ ނުބެހޭ ބަޔަކަށް ރިޕޯޓް ލިބުމަކީ ވަރަށް ދެރަކަމެއް: އަލީ ހުސައިން

އަހުމަދު ރިލްވާންގެ މަރާގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ކަމާއި ނުބެހޭ ބަޔަކަށް ލިބުމަކީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، ރިލްވާންގެ މަރާ ގުޅޭ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްވާ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ހިއްސާ ކުރުމަށް ފަހު، އޭގައި ސިއްރު މައުލޫމާތުތައް ހިމަނާފައި ހުރެގެން އަލުން ރިޕޯޓްތައް މަޖިލީހާ ހަވާލުކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަލީ ހުސައިން ވިދާޅުވީ ރިލުވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައި ވަނިކޮށް، ކަމާއި ނުބެހޭ ފަަރާތެއްގެ އަތްމައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އޭނާގެ އެ ކަންބޮޑުވުންތަކާއި ގުޅިގެން ޓްވިޓާގައި ބައެއް މީހުން ވަނީ އަދިވެސް ރިލްވާންގެ މައްސަލަ ސިއްރުކުރަންވީތޯ ވެސް ސުވާލު ކޮށްފައެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ދައުލަތުގެ ކޮންމެ ވަޒީފާއެއްގައި ހުރި ކޮންމެ މީހަކުވެސް އިންސާފަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ރިލްވާންގެ އާއިލާއަށް މި މައްސަލައާއި ގުޅޭ މައުލޫމާތާއި، ތަފްސީލް ރިޕޯޓް ހިއްސާ ކުުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ކަމާ ނުބެހޭ ބަޔަކަށް ލިބުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އަލީ ތަކުރާރު ކުރެއްވިއެވެ.

އަލީ ހުސައިން ވިދާޅުވީ ރިޕޯޓްގައި ހުރި ބައެއް މައުލޫމާތުތައް ސިއްރު ކޮށްދިނުމަށް ކޮމިޝަނުން އެދިފައި ވަނިކޮށް އެކަން ހާމަ ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ، ރިލްވާންގެ މަރުގެ ރިޕޯޓް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އެެރުވުމަށްފަހު ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް ހިފަހައްޓައި ދެއްވުމަށް ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އެދިވަޑައިގެން އެދިވަޑައިގަތުމަށެވެ.

ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، އަހުމަދު ރިލްވާންގެ މަރާ ގުޅޭ ރިޕޯޓުގައިވާ ސިއްރުތައް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.