ފައްޔާޒް އިސްމާއީލް

ޓެކްސް ގާނޫނަށް ގެނައި އިސްލާހުން ނިޒާމު ހަރުދަނާ ވާނެ: ފައްޔާޒު

ރާއްޖޭގެ ޓެކްސް އާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ޓެކުހުގެ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފަައިވާ އިސްލާހުތައް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. މި ބަދަލުތަކާއެކު މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ވެސް އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވެއެވެ.

މި އިސްލާހުތަކަށް ތާއީދު ކުރައްވާ މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ، ޓެކެސް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ވިޔަފާރިތަކަށް ވެސް ލުއިތަކެއް ލިބި ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ގެނެވުނު އިސްލާހުތަކުގެ ސަބަބުން މިހާރު މިއޮތް ޓެކުހުގެ ނިޒާމަށްވުރެ ހަރުދަނާ ޓެކުހުގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

މިއަދު ފާސްކުރި އިސްލާހުގައި ވާގޮތުން، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ފާސްކުރި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއެކު، 30 ދުވަހުގެ ތެރޭގައި މިހާރު ކޮމިޝަނާ ޖެނނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭނެއެވެ.

އޭގެ އިތުރުން މީރާގެ ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރަންޖެހޭ ގޮތަށް ބިލަށް ބަދަލު ގެނެސްފައިވެ އެވެ. ކޮމިޓީ ރިޕޯޓުގައިވާ ގޮތުން އެ މެންބަރަކީ ފިނޭންސް މިނިސްޓަރު އެ ބޯޑަށް އައްޔަން ކުރައްވާ މެންބަރެކެވެ. އެ ބަދަލާއެކު މީރާގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް އަރަ އެވެ.