ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަހުގެ ސްޓޮކް ހިފަހައްޓަން ފިޔަވަޅު އެޅުން މުހިންމު: ރައީސް

އިންޑިއާ ކަނޑުން މަހުގެ ސްޓޮކް މަދުވުމަކީ ރާއްޖެ ކަންބޮނޑުވާ ކަމެއް ކަމަށާއި މަހުގެ ސްޓޮކް ދަމަހައްޓަން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފެށި އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެޓްލާންޓިކް ކަނޑުގެ މަހުގެ ސްޓޮކް ހަލާކުވެގެން ދިޔައީ، އެ ކަނޑު ހިއްސާކުރާ ގައުމުތަކުން އެޅި ފިޔަވަޅުތައް ލަސްވުމާއި އެޅި ފިޔަވަޅުތައް މަދުވުމުން ކަމަށެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބާއްވަން މިހާރުން ފެށިގެން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ހަލާކު ވެއްޖެނަމަ އޭގެ ގެއްލުން އެ ކަނޑު ހިއްސާ ކުރާ ހުރިހާ ގައުމަކަށް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ދެމެހެއްޓެނެވި މަސްވެރިކަމުގެ އުސޫލުތައް ހިފަހައްޓައި މަހުގެ ސްޓޮކް ދަމަހައްޓަން ރާއްޖޭން މަސައްކަތް ކުރާނެ ކަމަށާއި އެގޮތަށް މަސައްކަތް ކުރަން އެކުވެރި ގައުމުތަކަށް ވެސް ބާރު އަޅުއްވާނެ ކަމަށެވެ.

ކޮންފަރެންސްގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި މެދުގައި ހިނގާ އިގްތިސޯދީ ހަރަކާތް އެެހެން ބައެއް ސަރަހައްދުތަކާ އަޅާ ބަލާއިރު މަދު ކަމަށެވެ. މި ސަރަހައްދުގައި ވިޔަފާރިތަކަށް ހުރި ދަތިތައް ގައުމުތައް ގުޅިގެން ނައްތާލައިފިނަމަ، އެކަމުގެ މަންފާ ހުރިހާ ގައުމަކަށް ކުރާނެ ކަމަށެވެ.

މިއަދު ފެށި އިންޑިއަން އޯޝަން ކޮންފަރެންސްގައި ގައުމުތަކަށް ސަލާމަތީ ގޮތުން ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ. މި ކޮންފަރެންސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ. ކޮންފަރެންސްގައި ކޮންފަރެންސްގައި 35 ގައުމަކުން ބައިވެރިވެ އެވެ.