ލުއިސް އެންރީކޭ އަލުން ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗް ކަމަށް އަންނަން އިހްތިޔާރު ކޮށްފިނަމަ އޭނާއަށް ފުރުސަތު ދިނުމުގެ ގޮތުން މަގާމުން ދުރަށް ޖެހިލާނެ ކަމަށް ސްޕެއިންގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗް ރޮބާޓޯ މޮރޭނޯ ބުނެފި އެވެ.
މިދިޔަ ޖޫން މަހު، ސްޕެއިންގެ ކޯޗްގެ މަގާމުން ރަސްމީކޮށް އިސްތިއުފާ ދިން އެންރީކޭ، ސްޕެއިންގެ ގައުމީ ޓީމުގެ މަސައްކަތްތަކާ ދުރަށް ޖެހިލީ މާޗް މަހު އެވެ. އެއީ އޭނާގެ އަންހެން ދަރިފުޅު ޒާނާ އެންރިކޭއަށް ކަށީގެ ކެންސަރު ޖެހުމުން ދަރިފުޅުގެ ފަރުވާއަށް ވަގުތު ހުސް ކުރުމުގެ ގޮތުންނެވެ.
އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ހަފުތާގައި ޒާނާ ވަނީ މަރުވެފަ އެވެ. އެންރީކޭ އިސްތިއުފާ ދިނުމުން ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗް ކަމަށް ހަމަޖެއްސި މޮރޭނޯ އަކީ އެންރީކޭގެ އެސިސްޓެންޓް ކޯޗެވެ. އެންރީކޭ ބާސާ އާއި ސެލްޓަވީގޯ އަދި ރޯމާގައި މަސައްކަތް ކުރިއިރު ވެސް އޭނާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މޮރޭނޯ މަސައްކަތް ކުރި އެވެ.
ހެޑް ކޯޗްގެ ގޮތުގައި މޮރޭނޯ ސްޕެއިންގެ ގައުމީ ޓީމު ގޮވައިގެން ނުކުންނަ ފުރަތަމަ މެޗުގައި މިއަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ރޮމޭނިއާ ދެކޮޅަށެވެ. އަދި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ފެރޯ އައިލެންޑްސް އާ ދެކޮޅަށް ނުކުންނާނެ އެވެ.
މޮރޭނޯ ބުނީ، މިވަގުތު އެންރީކޭ އެހެން ކަމަކާ މެދު ނުވިސްނާނެ ކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އެއްވެސް ހިސާބެއްގައި ގައުމީ ޓީމަށް އެނބުރި އަންނަން ބޭނުން ވާނަމަ އޭނާ ދުރަށް ޖެހި އެސިސްޓެންޓެއްގެ ގޮތުގައި އަލުން މަސައްކަތް ކުރާނެ ކަމަށެވެ.
"ލުއިސް [އެންރީކޭ] އަކީ އަހަރެންގެ އެކުވެރިއެއް އަހަންނަށް ހީވަނީ އެކުވެރިކަން މާ ބޮޑު ވާނެހެން،" މޮރޭނޯ ވާހަކަ ދެއްކި އެވެ. "އެކުވެރިކަން ހަދާން ނެތިއްޖެޔާ ދެން ކަންކަން ރަނގަޅަކަށް ކުރިއަކަށް ނުގެންދެވޭނެ، އޭނާ އަލުން އަންނަން ބޭނުން ވެއްޖެއްޔާ އެކަމާ އެންމެ ފުރަތަމަ އުފާ ކުރާނެ މީހަކީ އަހަރެން."
ސްޕެއިން އޮތީ ގުރޫޕް އެފް ގެ އެއްވަނައިގަ އެވެ. އެއީ ކުޅުނު ހަތަރު މެޗުންވެސް މޮޅު ވެގެންނެވެ. ދެ ވަނައިގައި އޮތީ ރޮމޭނިއާ އެވެ. ތިން ވަނައިގައި ސްވިޑެން އެވެ.