ދުނިޔެ

ތޫފާނުގެ ސަބަބުން ބަހާމަސްގެ ހަތް މީހަކު މަރުވެއްޖެ

ބަހާމަސްއަށް އަރާފައިވާ ނުރައްކާތެރި ތޫފާން "ޑޯރިއަން" ގެ ސަބަބުން އެ ގައުމުން ހަތް މީހަކު މަރުވެއްޖެ އެވެ.

ބަހާމަސްގެ ބޮޑުވަޒީރު ހޫބަޓް މިނިސް ވަނީ ޑޯރިއަން ތޫފާނުގެ ސަބަބުން ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އަޅައިގެން ތިބުމަށް މުޅި ގައުމަށް އިލްތިމާސް ކުރައްވާފަ އެވެ. ޑޯރިއަން ތޫފާން އެރުމުގެ ސަބަބުން ބަހާމަސްއަށް ވަނީ ބޮޑެތި ގެއްލުންތައް ވެސް ވެފަ އެވެ.

ހޫބުޓް މިނިސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ތޫފާންގެ އަސަރު ކޮށްފާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ތިބި މީހން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރާށެވެ. އަދި ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ހެނދުމުގެ މަސައްކަތް ވެސް ވަނީ ފައްޓަވާފަ އެވެ.

.ޑޯރިއަން ތޫފާން އުފެދުނު އިރު އެއީ ދެވަނަ ކެޓަގަރީގެ ތޫފާނަކަށް ވިޔަސް މިހާރު ޑޯރިއަން ތޫފާނަކީ ފަސް ވަނަ ކެޓަގަރީގެ ނުރައްކާތެރި ތޫފާނެކެވެ. މިހާރު ޑޯރިއަން ތޫފާނުގެ މިސްރާބު ހުރީ އެމެރިކާގެ ސިޓީއެއް ކަމަށްވާ ފްލޮރިޑާ އަށެވެ.

ތޫފާންގެ ސަބަބުން މިހާތަނަށް ބަހާމަސްއިން 13،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ސުންނާފަތި ވެފައި ވާއިރު، ފަސް މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ތޫފާނުގެ ބާރުގަދަ ކަމުން ސަލާމަތީ ފަރާތްތަކަށާއި، އެހީ ފޯރުކޮށް ދިނުމަށް ނުކުންނަ ފަރާތްތަކަށް ވެސް އެދެވޭ ގޮތުގައި އެކަމެއް ނުކުރެވެ އެވެ. އެހެންކަމުން ގެއްލިފައިވާ މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރާނޭ ކަމަށް ބެލެވެ އެވެ.