ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނަށް ރާއްޖެ 1979 ވަނަ އަހަރު ނުކުތް ގޮތަށް ރަން މެޑަލެއް ނުލިބި އޮތްއޮތުން ހަސަން ސާއިދު އެ ވަނީ އިއްޔެ ގައުމީ ރިކޯޑަކާއެކު ނިމުމަކަށް ގެނެސްފަ އެވެ.
އޭނާގެ މި ކާމިޔާބީއާއެކު ގައުމީ ޖޯޝާއި ފޯރިގަނޑެއްގެ އުތުރިއަރައިގެން ބަންޑުންވަމުންދާއިރު އިންޑިއާގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ މިލްކާ ސިންގްގެ އާދަޔާހިލާފު ވާހަކަ އާއި އަހަރެމެންގެ މި ސާއިދުގެ ވާހަކަ ވަރަށް ވެސް އެއްގޮތެވެ.
މި އުފާވެރި މުނާސަބަތު ފިލްމަކުން ފާހަގަކުރަނީ ނަމަ އެންމެ ރަނގަޅު ބޮލީވުޑްގެ ހޮވުމަކަށް ވާނީ 2013 ވަނަ އަހަރު ސިނަމާތަކަށް ނުކުމެ ބޮޑު ކާމިޔާބީއެއް ހޯދި "ބާގް މިލްކާ ބާގް" އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި އިންޑިއާ އަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައި ދިން ކުރީގެ މަޝްހޫރު އެތުލީޓް މިލްކާ ސިންގްގެ ހަޔާތަށް އުފައްދާފައިވާ ވަރަށް އިންސްޕަޔަރިން ފިލްމެކެވެ.
ފަހަރެއްގައި މި ފިލްމު ބަލައިގެން އަދި ސާއިދުގެ އާދަޔާހިލާފު ވާހަކަ ނޫހުން ކިޔައިގެން އެފަދަ އެހެން ދުވުންތެރިން ވެސް ޓްރެކުން ފެނިދާނެ އެވެ.
ކޮމަންވެލްތު ގޭމްސްގައި ފުރަތަމަ ފަހަރަށް އިންޑިއާ އަށް ރަން މެޑަލް ހޯދައިދިން މިލްކާ އަކީ ވެސް ސާއިދު ފަދައިން ސިފައިންގެ ވަޒީފާގައި އުޅެމުން ދުވާ ޓްރެކުގައި ރިކޯޑްތައް މުގުރަން ފެށި ދުވުންތެރިއެކެވެ. އެހެން ހުރިހާ ސިފައިންނަށް ވުރެ ބާރަށް ދުވާ މީހެއްގެ ގޮތުގައި މިލްކާ ފާހަގަކުރެވިގެން އިންޑިއާގެ އަސްކަރިއްޔާ އިން މިލްކާ ސިންގް "ދުވާ މީހެއްގެ" ގޮތުގައި ވަކިން ޓްރެއިން ކުރުވީ އެވެ.
އެއަށް ފަހު އިންޑިއާ އަށް މިލްކާ ހޯދައިދިން ކާމިޔާބީ ވަރަށް ވެސް ފޮންޏެވެ. ކޮމަންވެލްތުގައި އޭނާ ހޯދި ރަން މެޑަލްގެ ރިކޯޑް މުގުރާލައި އިންޑިވިޖުއަލް ކެޓަގަރީއަކުން އިންޑިއާ ދެ ވަނަ ފިރިހެން އެތުލީޓަކަށް ރަން މެޑަލެއް ލިބުނީ މިދިޔަ އަހަރު ސްކޮޓްލޭންޑްގައި ބޭއްވި މުބާރާތުންނެވެ.
މީގެ އިތުރުން 1960 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ 400 މީޓަރުގެ ފައިނަލުގައި 45.73 ސިކުންތުން ރޭސް ނިންމައިގެން އޭނާ ގާއިމުކުރި އިންޑިއާގެ ގައުމީ ރިކޯޑަކީ ވެސް 41 އަހަރު ވަންދެން އެގައުމުގެ އެހެން އެތުލީޓަކަށް ނުމުގުރި އޮތް ރިކޯޑެކެވެ.
އެހެންވީމަ ދިވެހިންގެ މިލްކާ ސިންގަކީ ސާއިދޭ ބުނެވިދާނެ އެވެ. ދުވާ ޓްރެކުގައި އޭނާ ވެސް ގާއިމުކުރަމުންދާ ރިކޯޑްތައް މުގުރާލެވޭނެ ދެ ވަނަ ދުވުންތެރިޔަކު އަދި ނުފެނެ އެވެ. ސާއިދަށް މި ޖެހެނީ އަމިއްލަ އަށް ގާއިމުކުރާ ރިކޯޑްތައް އަމިއްލަ އަށް މުގުރާލާށެވެ.
އަނެއްކޮޅުން އޭނާވެފައި މި ވަނީ ބައިނަލްއަގުވާމީ މުބާރާތަކުން ދިވެހިންނާ ހަމަ އަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދިން އެތުލީޓަށެވެ. ސިފައިންގެ ވަޒީފާގައި އުޅެމުން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ޓްރެކްގެ އަމިއްލަ ރިކޯޑް ރަނގަޅުކޮށް އަމިއްލަ ރިކޯޑްތައް މުގުރަމުން ގޮސް އެންމެފަހުން ބައިނަލްއަގުވާމީ ސްޓޭޖަށް ނުކުމެ ފުރަތަމަ ރަން މެޑަލް އެ ގެނެސްދިނީ އެވެ.
މިލްކާ ސިންގް ފަދައިން ސާއިދު ވެސް ގައުމީ ބަތަލަކަށްވީ އެވެ. އެހެންވީމަ އަންނަން އޮތް ޖީލަށް ސާއިދުގެ މި އާދަޔާހިލާފު ކެރިއަރުގެ ވާހަކަ ކިޔައިދޭން ބަޔަކު މީހުން ފިލްމެއް ހެދުން ވެސް އެކަށީގެންވެ އެވެ.
އިންޑިއާ އިން އެމީހުންގެ އެންމެ ބާރު ދުވުންތެރިޔާ އަދި އެ ގައުމު ދުށް އެންމެ ފައިން އެތުލީޓްގެ ވާހަކަ ޖީލުތަކަށް ކިޔައިދިނުމަށް އުފެއްދި ފިލްމަކީ "ބާގް މިލްކާ ބާގް" އެވެ. ރާކޭޝް އޯމް ޕްރަކާޝް މެހްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި މިލްކާގެ ރޯލު ކުޅެފައި ވަނީ ބޮލީވުޑްގެ ނިކަން މަޝްހޫރު އަދި އެހާމެ ކުޅަދާނަ އެކްޓަރެއް ކަމުގައިވާ ފަރްހާން އަހްތަރެވެ.
ފަރްހާންގެ އިތުރުން ސޯނަމް ކަޕޫރާއި ދިވްޔާ ދައްތާ އަދި ޔޯގްރާގް ސިންގް ފަދަ ތަރިން ވެސް ފިލްމުން ފެނިގެންދެ އެވެ.