ހަބަރު

ހުޅުމާލޭގައި އިންޑިއާގެ އާ އެމްބަސީގެ ބިންގާ އަޅައިފި

Sep 4, 2019

އިންޑިއާގެ އާ ހައިކޮމިޝަން އިމާރާތް އަޅަން ހުޅުމާލެއިން ދީފައިވާ ބިމުގައި އެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެހެން ގައުމުތަކެކޭ އެއްފަދައިން، ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30،000 އަކަފޫޓުގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައި އެވެ. އެ ސަރަހައްދަށް ބޭރު ގައުމުތަކުގެ ހުރިހާ އެމްބަސީތައް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ހުޅުމާލޭގައި އެންބަސީތައް އަޅަން ކަނޑައަޅާފައިވާ ސަރަހައްދުގައި މިއަދު ހެނދުނު އިންޑިއާގެ އާ އެމްބަސީގެ ބިންގާ އަޅާފައިވާ ކަމަށެވެ.

ބިންގާ އަޅުއްވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. އޭނާ ރާއްޖެ ވަޑައިގެންފައިވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެންމެ ފުރަތަމަ އިންޑިއާގެ އާ އެމްބަސީގެ ބިންގާ އެޅުމަށް ނިންމާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ މިހާރު ހިންގަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ އާއިލީ ގެކޮޅު، ހ. އަތިރީގޭގައި އެވެ.