ހަބަރު

ޓީޗަރުންގެ ކޮންފަރެންސް އައްޑޫގައި ފަށައިފި

އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީއާ ގުޅިގެން ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެންއައިއީ) ބާއްވާ އިންޓަނޭޝަނަލް ޓީިޗާސް ކޮންފަރެންސް މިއަދު އައްޑޫ ސިޓީގައި ފަށައިފި އެވެ.

ޓީޗަރުންގެ ކޮންފަރެންސް ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ތައުލީމީ ދާއިރާގައި ގައުމުތަކުން ހޯދަމުންގެންދާ ކުރިއެރުންތައް ފާހަގަ ކުރައްވާ، އެ ގައުމުތަކުގައި ބޭނުން ކުރަމުން ގެންދާ ތައުލީމީ މަންހަޖުތައް ދިރާސާކޮށް ދަރިވަރުންގެ ކުރިއެރުމަށްޓަކައި މިފަދަ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އަދި، މި އަހަރުގެ މާޗް މަހުގެ ތެރޭގައި ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި ތައުލީމީ ދާއިރާގައި އެގައުމުން ފެނިވަޑައިގެންނެވި ސިޔާސަތުތަކުން މިސާލު ނެންގެވި އެވެ. އެގޮތުން، ދަރިވަރުންގެ ވިސްނުން ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތައުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއް ކަމަށާއި އެހެންނަމަވެސް އެމަންހަޖުގެ ސަބަބުން ފިންލެންޑަކީ ތައުލީމީ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމެއް ކަމަށް ނައިބުރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށްވެސް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

މިއަދާއި މާދަމާ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގައި ބާއްވާ މި ކޮންފަރެންސްގައި، ރާއްޖޭގެ ޓީޗަރުންނަނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ އިތުރުން ތައުލީމީ ދާއިރާގެ މަސައްކަތް ކުރައްވާ ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެފައި ވެ އެވެ.