ހަރުކަށި ފިކުރާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފިކުރުން ދިވެހި ޒުވާން ޖީލު ސަލާމަތް ކުރެވޭނީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ޒުވާނުންނަށްދީ، ދަރިވަރުންގެ ދީނީ އަގީދާ ވަރުގަދަ ކޮށްގެން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުތައް ފެތުރެމުންދާ ކަމަށް ބުނާ ބުނުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި އަހުމަދު ރިލްވާންގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި ހޯދާފައިވާ މައުލޫމާތުތަކުން ހާމަވި ގޮތުގައި ރިލްވާން މަރާލާފައިވަނީ ވެސް ހަރުކަށި ވިސްނުމުގެ ބަޔެކެވެ. އެކަމާއި ގުޅިގެން ހަރުކަށި ފިކުރުތައް ނައްތާލަން އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިލްޔާސް ވިދާޅުވީ ހަރުކަށި ފިކުރާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފިކުރުން ޒުވާން ޖީލު ސަލާމަތް ކުރެވޭނީ ދީނުގެ ސައްހަ މައުލޫމާތު ޒުވާނުންނަށް ދީގެން ކަމަށެވެ. އަދި ދަރިވަރުންގެ ދީނީ އަގީދާ ވަރުގަދަ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.