ލައިފްސްޓައިލް

ފޭކް ފްރެންޑުންގެ ބައެއް ސިފަތައް!

Aug 3, 2015

ކޮފީއަކަަށް ގޮސް އެދުވަހެއްގެ ބިލަށް ލާރި ދެއްކުމުން ދެންފަހަރަކު ތިމާދައްކަން ބޭނުންވާނެ އެވެ. ކޮންމެހެން މަޖުބޫރުވެގެންނެއް ނޫނެވެ. ދެމީހުންދޭތެރޭ އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އޮންނަ މިއުޗުއަލް އަންޑަސްޓޭންޑިންގެކެވެ. ހަގީގަތުގައިވެސް އެއީ ވަރަށް ސަޅިކަމެކެވެ.

މިހަލަ ފޭކު މީހުން ދެނެގަންނާނެ ގޮތްތަކެއް ހުރެއެވެ.

1. ތިމާ ދައްކާ ވާހަކައަށް އޭނާ ބީރު ކަންފަތެއްދޭ ހެއްޔެވެ؟ ކަމަކާއި ހިތްހަމަނުޖެހިގެން ވާހަކައެއް ކިޔާދިނުމުން އޭނާގެ އަމިއްލަކަންތަކުގައި މާ ބުރަކޮށް އުޅެ އަޑުއިވޭކަމަށްވެސް ނުހަދާހެއްޔެވެ؟ އެހެންނޫނީ ހުރިހާ ވާހަކައެއް އަޑުއަހާފައި ތީ އަދި އެއްވެސް އެއްޗެއް ނޫނޭ ބުނެ އޭނާއަށް ދިމާވެފަ ހުރި ކަންތަކެއް ކިޔާދޭން ފަށާހެއްޔެވެ؟ ތިމާގެ ހިތްހަމަނުޖެހުންތަށް ކިޔާދިނަސް މާބޮޑު ކަމަކަށް ނުހަދާ ދެން ދިމާވުމުން ކޮބާ އެއްކަލަ ކަންތައް ކިހިނެއްހޭ އަހާވެސް ނުލާދޯއެވެ؟ މިއީ އެއްކަލަ ފޭކު މީހުން ދެނެގަންނާނެ އެންމެ ފުރަތަމަ ގޮތެވެ. މިކަހަކަލަ މީހުން ބޭނުންވާނީ ހަމައެކަނި އެމީހުންގެ ވާހަކަ ދައްކާށެވެ. އެމީހަކަށް ލިބޭ ދެރަނޫން ދެރައެއް ނުވެސް ހުންނާނެއެވެ.

2. އެމީހަކު ތިމާއާއި އެއްކޮށް ވަގުތު ހޭދަކޮށްލަން ބޭނުންވާނީ އޭނާއަށް ކޮންމެވެސް ކަހަލަ ފައިދާއެއް ވާނަމައެވެ. ބައެއް އެކުވެރިންނަކީ ތިމާގެ ބޭބެ ޗާލުވެގެން އޭނާ ދެކިލާހިތުން އެކަނި ތިމާއާއި އެއްކޮށް އުޅޭ މީހުންނެވެ. އެހެންނޫނީ ތިމާގެ މުސާރަ ލިބޭ ހަފްްތާގައި އެއް ރެސްޓޯރެންޓުން އަނެއް ރެސްޓޯރަންޓަށް ދާން ބޭނުންވާ މީހުންނެވެ. މިކަން އަމިއްލަމީހާ ޖެހޭނީ ވަރަށް އަވަހަށް ދެނެގަންނާށެވެ. އެއީ އޭނާއަށް ފައިދާ ނުވާހާ ހިނދަކު އޭނާގެ ހަބަރެއް ތިމާއަކަށް ނުވެއް ވާނެއެވެ.

3. ބައެއް ހަފްތާތަކަކީ ވަޒީފާގައި ނޫނީ އަމިއްލަަކަންކަމުގައި ވެސް ވަރަށް ބުރަކޮށް ގޮސްދާނެ ހަފްތާތަކެކެވެ. މިދުވަސްކޮޅު އެއްކަލަ އެކުވެރިޔާގެ ހަމައެކަނި ކަމަކަށް އޮންނާނީ ތިމާ އޭނާއާއި އެއްކޮށް "ހޭންގް އައުޓް" ނުކޮށްެގެން މައްސަލަ ޖެއްސުމެވެ. ތިމާ ބުރަވަނީ ކީއްވެގެންތޯ އަހާލާކަށްވެސް ބޭނުންނުވާނެއެވެ. އެމީހުންގެ ބޭނުމަކީ ތިމާ މައާފަށް އެދޭ އަޑުއަހާށެެވެ. އެމީހެއްގެ ހިތްހަމަޖެހުމަކީ ތިމާ ސޮރީއޭ ކިޔާ އޭނާއަށް އާދޭސް ކުރުވުމެވެ. ތިމާގެ ހުރިހާކަމެއް ދޫކޮށްލާފައި އޭނާގެ ހުރިހާ އެދުމެއް ފުއްދާދޭން ތިމާ ހުންނާކަށް ނުޖެހޭނެއެވެ.

4. އެކުގައި ތަނަކަށް ދާން ގަޑިކިޔާފައި އެންމެ ފަހު މިނެޓްގައި ނުދެވޭނެއޭ އެހެންނޫނީ ވަރަށް މުހިއްމު ކަމެއް ދިމާވެގެން ބިޒީއޭ ބުނި އަދަދު ގިނަވާނެއެވެ. މިއިން އިނގެންޖެހޭ ކަމަކީ އެމީހަކު ތިމާއާއި އެއްކޮށް ތަނަކަށް ދާން ނިންމަނީ އިތުރު އެއްވެސް މީހަކު ނެތީމައެވެ. އެހެންމީހަކު ވާއިރަށް ތިމާއަށް ގުޅާފަ ކަޓުވާލަނީއެވެ.

5. އެއެކުވެރިޔެއް އެހެންމީހުން ކުރިމަތީގައި ތިމާ ލަދުގަންނަ ވާހަކަ ދައްކާ މަލާމާތްކުރާނެއެވެ. މީހުންގިނަވާ ވަރަކަށް އޭނާގެ މަލާމާތް އިތުރުވެއެވެ. ހާއްސަކޮށް އެމީހެއްގެ ކައިރީގައި ވަކިކަމަކީ ތިމާއެންމެ ލަދުގަންނަ ކަމޭ ބުނާފަހުންނެވެ. އެހެން މީހުން ނުތިބޭ ގަޑިއެއްގައި ވަރަށް އޯގާތެރިވާނެއެވެ. ތިމާގެ ހުރިހާ ރައްޓެހިންނަށް ކައްކާ ދުވަހަކު އެކެއްކި އެއްޗެއް މީރުވެއްޖެނަމަ މިއީ ކޮންތާކުން ގަނެފަ ހުރި އެއްޗެއްހޭ ތިއީ ކައްކަން އިނގޭ މީހެއް ނޫނޭ ކިޔަންފަށާނެއެވެ. އެމީހަކު ބޭނުންވަނީ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާލާށެވެ.

6. އެމީހެއްގެ ކަމަކަށް އޮންނާނީ އަބަދު ކޮންމެވެސް މީހެއްގެ މަސްކެއުމެވެ. މިކަހަލަ މީހުން އެހެންމީހުން ކައިރީގައި ތިމާއޭ ކިޔާފައި ދެން ދައްކާނީ ކޮންފަދަ ވާހަކައެއް ހެއްޔެވެ؟ މީހަކު ކުރިކަމެއްގެ ވާހަކަ ދެއްކުމަކީ ގޯހެއްނޫނެެވެ. އެކަމަކު އޭނާގެ އަބުރާއި ބެހި އާއިލާއަށް ހަމައަށް ދިޔުމަކީ އިންތިހާއެވެ. މިކަހަލަ މީހުންގެ ހިތްހަމަޖެހުމަކީ އެހެންމީހުންގެ ގޯސްވާހަކަ ދައްކާ އެމީހަކު ރަނގަޅު ކަމަށް އެހެންމީހުން ކުރިމަތީގައި ދެއްކުމެވެ.

7. އުފާވެރި ހަބަރެއް ލިބުމުން ނޫނީ ކަމެއް ދިމާވުމުން އެންމެ ފުރަތަމަ ބޭނުންވާނީ އެންމެ ގާތް އެކުވެރިޔާކައިރީ ބުނަންށެވެ. އެކަަމަކު އޭނާކައިރީ ބުނުމަށްފަހު ތިމާގެ އުފަލަކީ އެމީހެއްގެ އުފަލެއްކަމަށް ނުބަލާކަން މޫނުމަތިން ފެންނަން ހުރުމުން ދެން ލިބޭ ދެރަ މާ ބޮޑެވެ. ތިމާގެ އަތުން ގޯހެއް ހެދޭނަމަ އެއެކުއެވާހަކައެއް ދެއްކުން މުހިއްމެވެ. އެކަމަކު އަބަދަކު ތިމާގެ އަތުންވެސް ކުށްނުކުރެވޭނެއެވެ. ކޮންމެފަހަރަކު ލިބޭ ކާމިޔާބުތަކަށް ފާޑުކިޔާ އެކުވެރިޔެއް ހުރުމަށްވުރެ ނެތަސް މާ ރަނގަޅުވާނެއެވެ.

މިކަހަލަ ސިފަތަކެއް ތިމާގެ އެކުވެރިޔެއްގެ ގައިގާ ހުރިނަމަ ވަގުތު އޮތްވާ ދުރުވެވޭތޯ ބަލާށެވެ. މުހިއްމީ އެކުވެރިޔެއް ނޫނެވެ. މުހިއްމުވާނީ ރަނގަޅު އަޅާލާ ރަހުމަތްތެރިއެކެވެ.