ހޮންކޮންގް

ހޮންގްކޮންގެ ބިލް އަނބުރާ ގެންދަން ނިންމައިފި

ހޮންކޮންގް ސަރުކާރުން ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ފަސްކުރި ނަމަވެސް އެ ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާތައް ކޮންޓްރޯލް ނުވެ ހަމަނުޖެހުން އުފެދެމުންދާތީ އެކެސްޓްރެޑިޝަން ބިލް އަނބުރާ ގެންދަން ނިންމައިފި އެވެ.

ހޮންގްކޮންގުގެ ލީޑަރު ކެރީ ލޭމް ވިދާޅުވީ، އެކްސްޓްރެޑިޝަން ބިލުގެ ސަބަބުން މުޅި ހޮންގްކޮންގުގެ ހަމަޖެހުން ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން ބިލު މިއަދު ވަގުތެއްގައި އަނބުރާ ގެންދާނެ ކަމަށެވެ. އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. ބިލާއި ދެކޮޅަށް މުޒާހަރާ ކުރާތާ މިހާރު ވަނީ ތިން މަސް ވެފަ އެވެ.

ލޭމް މީގެ ކުރިން ވިދާޅުވެފައި ވަނީ، ޗައިނާގެ ނުފޫޒު ނެތްނަމަ އެ ބިލް އަނބުރާ ގެންދިޔަތާ މިހާރު ކިތަންމެ ދުވަހެއް ވެދާނެ ކަމަށެވެ. ނަމަވެސް ބިލު އަނބުރާ ގެންދަން ނިންމާ ކޮންމެ ފަހަރަކު ޗައިނާއިން ބިރު ދައްކާާ ކަމަށެވެ.

އަނބުރާ ގެންދަން ނިންމާފައިވާ އެ ބިލްގައިވާ ގޮތުން ޗައިނާ ސަރުކާރުން އެދިއްޖެ ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. މި ބިލްގައި އިނގިރޭސިވިލާތައި އެމެރިކާގެ އިތުރުން 20 ގައުމެއް ހިމެނެ އެވެ.

ކުރިން އިނގިރޭސިވިލާތުގެ ދަށުގައި އޮތް ހޮންގްކޮންގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރި ވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ މީގެ ކުރިން ޗައިނާ ބޯޑަރު ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ.

ދިގު ދެމިގެންދިޔަ މުޒާހަރާތަކުގެ ސަބަބުން ހޮންގްކޮންގުގެ އާންމު ހާލަތު ވަނީ ބަދަލުވެފަ އެވެ. ރެއިލްވޭ ސްޓޭޝަންތަކާއި އެއާޕޯޓުތަކުގެ މަސައްކަތް ވެސް ހުއްޓާލަން ޖެހުނެވެ. މީގެ އިތުރުން މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން ފުލުހުންނަށާއި އާންމުނަށް އަނިޔާވި އިރު، ހޮންގްކޮންގުގެ ބޮޑެތި ބޭންކުތަކަށް ވަނީ މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.