ބޮލީވުޑް

އަހަރެންގެ ހަޔާތަށް ފިލްމެއް ހަދަން ރަނގަޅުވާނެ: ރާނޫ މޮންޑަލް

އިންޓަނެޓުގައި މިހާރު އެންމެ މަޝްހޫރު އިންޑިއާ މީހަކީ ރާނޫ މޮންޑަލް އެވެ. އޭނާ ލަވަކިޔާ މަންޒަރު ރެކޯޑްކޮށްފައި މީހަކު ޔޫޓިއުބަށް ލީ ހިސާބުން ރާނޫގެ ނަސީބު އޭނާގެ އަތުގައި ހިފީ އާދަޔާޚިލާފު ގޮތަކަށެވެ. އެހެންކަމުން ރާނޫގެ ވާހަކައަކީ ހަމަ ގައިމުވެސް އޭނާ ކަހަލަ އެތައް މިލިއަން ބަޔަކަށް އިބުރަތުން ފުރިގެންވާ ވާހަކައަކަށް ވަނީ ވެފަ އެވެ. އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ވަރަށް ރަނގަޅުވާނެކަމަށް ރާނޫ ގަބޫލު ކުރަނީ މި ސަބަބާ ހެދި އެވެ.

މިގެ 60 ވަރަކަށް އަހަރު ކުރިން ރާނޫ ދުނިޔެއަށް އުފަންވީއިރު އޭނާގެ އާއިލާއަކީ ފުދޭވަރެއްގެ ލިބޭ ބައެކެވެ. ނަމަވެސް ވަރަށް ޅަ އުމުރުގައި ރާނޫ އޭނާގެ މައިންބަފައިންނާ ވަކިވި އެވެ. ރާނޫ ކައިވެނި ކުރީ ކުރީގެ މަޝްހޫރު ފިލްމީތަރިއެއް ކަމަށްވާ ފީރޯޒް ޚާންގެ ކައްކާ އާއެވެ. ވެސްޓް ބެންގާލް އިން މުމްބައީއަށް އޭނާގެ ދިރިއުޅުން ބަދަލުކުރީ ކައިވެންޏަށް ފަހުގަ އެވެ.

އާއިލާ ތެރޭގައި ދިމާވަމުންދިޔަ ތަފާތު މައްސަލަތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ރާނޫގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދިޔަ އެވެ. އަދި ރޭލްވޭ ސްޓޭޝަންގެ ބޭރުގައި އިނދެގެން ލަވަކިޔައިގެން ބަނޑުފުރާނަ މުއްތިކުރަން ޖެހޭ ހިސާބަށް ދިޔަ އެވެ.

އޭނާ ލަވަކިޔާލެއް ރީތި ކަމުން އެ އަޑު ރެކޯޑްކުރަން ޒުވާނަކު އެދުނެވެ. އަދި ރާނޫ އުފަލާއެކު އެކަމުގެ ހުއްދަ ދިނެވެ. އެ ދުވަހު ރާނޫ ކީ ލަތާ މަންގޭޝްކަރްގެ "އެކް ޕިޔާރް ކަ ނަގްމާ ހޭ" އެވެ. ޔޫޓިއުބަށް އެ ލަވަ ލުމާއެކު އިސާހިތަކު އެ ލަވަ އޮންލައިންގައި ވައިރަލް ވިއެވެ. އަދި ވަރަށް ގިނަ ޓީވީ ޗެނަލްތަކާއި މިއުޒިކް ޑައިރެކްޓަރުންގެ ސަމާލުކަން މި ވިޑިއޯ އަށް ލިބުނެވެ.

އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމްޔާ އަށް ރާނޫގެ މި ވީޑިއޯ ފެނިގެން ސޮނީ ޓީވީގެ "ސުޕަ ސްޓާ ސިންގާ" ގެ އެޕިސޯޑެއްގައި ބައިވެރި ކުރުވި އެވެ. އަދި ހިމޭޝްގެ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ދިނެވެ. މަޝްހޫރު މީހެއްގެ އިހްސާސްތައް މިހާރު ރާނޫ އަށް ދަނީ ކުރެވެމުންނެވެ.

ރާނޫ ބުނީ އޭނާއަކީ މެދުފަންތީގެ އާއިލާއަކަށް އުފަންވީ މީހެއް ކަމަށެވެ. ނަމަވެސް އުމުރުން އެންމެ ހަ މަހުގައި މައިންބަފައިންނާ ވަކިވެ މާމަގެ ބެލުމުގެ ދަށަށް ގޮސް ދެން އުޅެން ޖެހުނީ ވަރަށް ދަތި ދިރިއުޅުމެއް ކަމަށެވެ.
ރާނޫއަށް ލިބުނު މަޝްހޫރުކަމާއެކު އޭނާގެ އަންހެން ދަރިފުޅާ ވެސް ބައްދަލުވެ ގުޅުން ބަދަހިވެއްޖެ އެވެ.

ރާނޫ ބުނާ ގޮތުގައި މިހާތަނަށް ހައެއްކަ ލަވަ އޭނާ ވަނީ ރެކޯޑްކޮށްފަ އެވެ. ބޮލީވުޑް ތަރި ސަލްމާން ޚާން ރާނޫ އަށް ފްލެޓެއް ހަދިޔާކުރި ކަމުގެ ޚަބަރުތަކެއް އިންޑިއާގެ ނޫސްތަކުން ފެތުރި ނަމަވެސް ރާނޫ އެ ވާހަކަ ދޮގު ކުރެ އެވެ. ރާނޫ ބުނަނީ ސަލްމާންގެ "ތޭރޭ ނާމް" ވަރަށް ރީތި ކަމަށެވެ. ނަމަވެސް ސަލްމާންގެ ފަރާތުން އެއްވެސް ހަދިޔާއެއް ލިބިފައި ނުވާ ކަމަށެވެ.