ރައްޔިތުންގެ މަޖިލިސް

އީސީގެ ގާނޫނަށް ބަހެއް ބުނަން ފުރުސަތު ދެއްވާ: ޝަރީފް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރަމުން ދާއިރު، އެ އިސްލާހުތަކާއި ގުޅޭ ގޮތުން އީސީގެ މެންބަރުންނަށް ބަހެއް ބުނުމުގެ ފުުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ބައެއް މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންގެ މާލީ ބަޔާން ހާމަ ކުރަން ޖެހޭ ގޮތަށް އެ ކޮމިޝަންތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.

ރައީސް އޮފީހުން ބުނީ މުސްތަގިއްލު ބައެއް ކޮމިޝަންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ކަމަށެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނާއި، އޮޑިޓާ ޖެނެރަލްގެ ގާނުނާއި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި އީސީގެ ގާނޫނުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ގާނޫނެވެ.

އީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ދާއިރު، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ކޮމެޓީ މަރުހަލާގައި ކޮމިޝަނަށް ބަހެއް ބުނުމުގެ ފުރުސަތު ދިނުން ވަރަށް މުހިންމު ކަމަށެވެ.

އަހުމަދު ޝަރީފު އާދަމްގެ ޓްވީޓް

މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ގާނޫނުތަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އެފަދަ ކޮމިޝަންތަކުގެ އިސް މަގާމުތައް އަދާ ކުރައްވާ ބޭފުޅުންނަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރައްވާ ބޭފުޅުން ކަން ކަށަވަރު ކުރުމަށް މަގާމު އަދާ ކުރައްވާ ބޭފު ޅާއާއި އޭނާގެ އާއިލާގެ މެންބަރުންގެ މާލީ ބަޔާން ހާމަ ކުރުން ލާޒިމު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ކޮމިޝަންތަކުގައި ތިއްބަވާ މެންބަރުންނަކީ އަމިއްލަ ވިޔަފާރިކޮށް ނުވަތަ މަސްލަހަތު ފުށުއަރާ ފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކުރަން އެ އިސްލާހުގައިވެ އެވެ. އަދި އެ މަގާމުތައް އަދާ ކުރައްވާ ބޭފުޅުންގެ ސުލޫކީ މިންގަނޑުތަކެއް ގާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތަކާއި ހިލާފުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތައް ގާނޫނުގައި ބަޔާން ކުރުމަށް ވެސް އެ އިސްލާހުގައިވެ އެވެ.