ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިޔާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއި މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޕެރަޑައިސް ރިޒޯޓްގައި މިހާރު ކުރިޔަށްދާ ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސަށް ރާއްޖެ ވަޑައިގެން އުޅުއްވާ މިނިސްޓަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފަ އެވެ. އަދި ދެ ބޭފުޅުން ވަނީ ރާއްޖެއާއި އިންޑިޔާގެ ޒަމާންވީ ގާތް ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސުބްރަމާނިއަމް ޖަޔަޝަންކަރަށް މަގާމު ލިބިވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އޭނާ ކުރިން އަދާކުރެއްވި ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަ ކުރައްވާ ޝުކުރުއަދާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ގައުމުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.