ހަބަރު

ގިނަ މީހުންނަށް ފީ ނެގިޔަސް "އޯކޭ"، ހެލްމެޓް އުނދަގޫ: ދިރާސާ

ސިނަމާލޭ ބްރިޖުން ދަތުރު ކުރަން ފީ އެއް ނަގަން ފެށުމާމެދު ގިނަ ބަޔަކު އެއްވެސް އިއުތިރާޒު ނުކުރާ ކަމަށް ބްރިޖަށް އެއް އަހަރު ފުރުމާ ގުޅިގެން ކުރި ދިރާސާއަކުން ބުނެފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން އާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ގުޅިގެން 300 މީހަކާ އިންޓަވިއު ކޮށްގެން ކުރި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ބުނެފައިވަނީ ފީ އެއް ނަގަން ފެށުން މައްސަލައެއް ނެތް ކަމަށެވެ.

ނަމަވެސް، އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ބްރިޖުން ދަތުރުކުރާ ސައިކަލުތަކުން ފީ އެއް ނަގަން ނުޖެހޭ ކަމަށެވެ. ނަމަވެސް، ފީ އެއް ނަގަން ފަށާނަމަ، އެކަމަށް ފަސް ރުފިޔާ އާއި 10 ރުފިޔާ އާދެމެދުގެ އަގެއް އެކަށީގެންވާ ކަމަށް 74 ޕަސަންޓް މީހުން ބުނެފައިވެ އެވެ.

ހެލްމެޓް މުހިންމު، އެކަމަކު އުދަނގޫ

ބްރިޖުން ދަތުރުކުރާ މީހުންގެ ސަލާމަތާ ގުޅޭގޮތުން ވެސް ދިރާސާގައި ބައިވެރިވި މީހުންނާ ސުވާލު ކޮށްފައިވެ އެވެ. އެގޮތުން، ބްރިޖާ ގުޅޭ ހައިވޭ މަތިން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގުމާ ގުޅިގެން ހެލްމެޓް އެޅުން މަޖޫބުރު ކޮށްފައިވާއިރު، އެއީ ރަނގަޅު ނިންމުމެއް ކަމަށް ގިނަ މީހުން ބުނެފައިވެ އެވެ.

އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 46 ޕަސަންޓް ބުނެފައިވަނީ، ހެލްމެޓް އަޅައިގެން އުޅުން އުދަނގޫ ނަމަވެސް، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، 11 ޕަސަންޓް މީހުން ގަބޫލުކުރާ ގޮތުގައި، ހެލްމެޓް އެޅުމަކުން އެމީހުންގެ ސަލާމަތަށް މާބޮޑު އަސަރެއް ނުކުރެ އެވެ.

އެ ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައިވަނީ ސިނަމާލެ ބްރިޖު ވުޖޫދަށް އައި ފަހުން އެމީހުންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް އައިސްފައިވާ ބަދަލާ ގުޅޭގޮތުންނެވެ. އެގޮތުން، އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި، ވިޔަފާރިތަކަށް ވެސް ބްރިޖުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް އެ ދިރާސާގައި ބައިވެރިވި މީހުން ވަނީ ބުނެފަ އެވެ.