ބޮލީވުޑް

"ތުރީ އިޑިއަޓްސް" ރީތިވި މީހުނަށް "ޗިޗޯރޭ" ރީތިވާނެ

އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ޗިޗޯރޭ" އަކީ ހިންދީ ފިލްމު ބަލާ ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވާ ފިލްމެކެވެ. މިއީ "ދަންގަލް" ގެ ބޮޑު ކާމިޔާބަށްފަހު އެ ފިލްމުގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އުފައްދާފައިވާ ފިލްމެކެވެ.

ނިތޭޝް ބުނެފައިވަނީ މި ފިލްމަކީ އޭނާ ކޮލެޖުގައި ހޭދަކުރި ހަތަރު ވަރަކަށް އަހަރު ތަޖުރިބާ ކުރި ވަރަށް ގިނަ ހެއްވާ މަޖާ އަދި އުފާވެރި ދުވަސްތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށެވެ. ފިލްމުގެ އިޝްތިހާރު ބެލި ގިނަ ބަޔަކު މި ފިލްމާ "ތުރީ އިޑިއަޓްސް" އާ ވަރަށް އެއްގޮތް ކަމަށް ބުނެފައި ވެއެވެ.

މިހާރު ފިލްމުގެ ޚާއްސަ ސްކްރީނިން އެއް ބާއްވައި ބައެއް ނޫސްވެރިންނާއި ފިލްމީ ދާއިރާގެ މީހުންނަށް ފިލްމު ވަނީ ދައްކާފަ އެވެ. ފިލްމުގެ ފުރަތަމަ ރިވިއުތައް ނޫސްތަކުގައި ޖަހަމުންދާއިރު ކްރިޓިކްސް ބުނަނީ "ޗިޗޯރޭ" އަކީ "ތުރީ އިޑިއަޓްސް" ކަހަލަ ރީތި އަދި މޮޅު ފިލްމެއް ކަމަށެވެ. "ޗިޗޯރޭ" އާއި "ތުރީ އިޑީއަޓްސް" އެއްގޮތްހެން ހީވި ނަމަވެސް މިއީ މުޅިން ތަފާތު ދެ ފިލްމެކެވެ. އެއްގޮތްހެން ހީވަނީ ކޮލެޖުގައި ކިޔަވަމުންދާ އެކުވެރިންތަކަކަށް ދިމާވާ ހާދިސާތަކެއް ދެ ފިލްމުގައި ވެސް ދައްކާފައިވާތީ ކަމަށް ވެސް ފިލްމުގެ ރިވިއުތަކުގައި ބުނެފައި ވެއެވެ.

"ދަންގަލް" އާއި "ޗިލާ ޕާޓީ" ފަދަ ފިލްމުތަކުން އެތައް އެވޯޑެއް ހޯދާފައިވާ ނިތޭޝްގެ "ޗިޗޯރޭ"ގެ ތަރިންނަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރައްދާ ކަޕޫރެވެ. މި ދެ ތަރިންގެ އިތުރަށް ވެސް އަލަށް ފިލްމު ކުޅެން ފެށި ޒުވާން ގިނަ އެކްޓަރުން ތަކެއް މިފިލްމުގައި ބައިވެރިވެ އެވެ. ފިލްމުގެ ލަވަތަކުގެ ތެރެއިން މިހާތަނަށް ރިލީޒްކުރި ލަވަތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ފިލްމަށް ވެސް ރަނގަޅަށް ހިނގާނެ ކަމުގެ އުންމީދު އެބައޮތެވެ.

"ޗިޗޯރޭ" ގައި ފެނިގެން ދާނީ ކޮލެޖުގައި ކިޔަވަމުންދާ އެކުވެރިން ތަކެއްގެ ދިރިއުޅުމެވެ. އެމީހުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކާއި ހެއްވާ ކަންތައް ތަކެވެ. އަދި ކޮލެޖުގެ ކިޔެވުން ނިންމުމަށްފަހު އެކި މީހުން ވަކިވެގެން ގޮސް އެކި ހިސާބުތަކުގައި ދިރިއުޅުން ފަށައި އޭގެ އެތައް އަހަރެއް ފަހުން އެމީހުން ހޮސްޕިޓަލެއްގެ ތެރެއިން އަލުން ބައްދަލުވުމުން ކަންތައްތައް ދެން ވާ ގޮތެވެ.

ޗިޗޯރޭގެ ޓްރައިލާ

މި ފިލްމުގައި ބައިވެރިވާ ހުރިހާ ތަރިން ވެސް އެމީހުންގެ އުމުރުގެ ތަފާތު ދެ ދައުރެއް ފިލްމުގައި ދައްކާފައި ވެއެވެ. ފުރަތަމަ ދައުރަކީ ވިއްސަކަށް އަހަރުގެ ޒުވާން ދުވަސްވަރު ކޮލެޖުގައި ހޭދަކުރި ދުވަސް ތަކެވެ. ދެ ވަނަ ދައުރުގައި މި ހުރިހާ ތަރިން ވެސް ފެންނާނީ މެދު އުމުރުގެ މީހުންގެ ގޮތުގަ އެވެ. އުމުރުން ދުވަސްވީ މީހުންގެ ސިފަ ޖެހުމަށް މި ހުރިހާ ތަރިން ވެސް ވަނީ ޕްރޮސްތެޓިކް ބޭނުން ކޮށްފަ އެވެ.