އުތުރު ކޮރެއާ

އުތުރު ކޮރެއާގައި ތިބި އދ. މުވައްޒިފުން ގެންދަން އެދިއްޖެ

އުތުރު ކޮރެއާގައި ތިބި އދ. މުވައްޒިފުން އަނބުރާ ގެންދަން އެ ގައުމުން އދ. އަށް ގޮވާލައިފި އެވެ. އދ. މުވައްޒިފުން ތިބުމާ އެ ގައުމުން ދެކޮޅު ހަދަން ފެށީ ބޭރު ގައުމުތަކުގެ ސިޔާސީ މީހުންގެ ނުފޫޒާ ހެދި ފައިދާ ކުރަނިވި އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭ ކަމަށް ބުނެ އެވެ.

އދ. ތިން އެޖެންސީއެއްގެ މުވައްޒިފުން އުތުރު ކޮރެއާގައި މަސައްކަތް ކުރެ އެވެ. އެއީ ޔޫއެން ޑިވޮލޮޕްމެންޓް ޕްރޮގްރާމާއި ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އަދި ޔުނިސެޕްގެ މުވައްޒިފުންނެވެ.

އުތުރު ކޮރެއާއިން ބުނީ، އދ. އިން ހުރިހާ މުވައްޒަފުން ގެންދަން ބޭނުން ނުވާ ކަަމަށް ވާނަމަ، މިހާރު ތިބި އަދަދު މަދު ކޮށްދިނުން ވެސް ރަނގަޅު ކަމަށެވެ.

އުތުރު ކޮރެއާއިން އދ. ކަނޑައަޅާފައިވާ ރެޕްރެޒެންޓިވް ކިމް ޗާންގް މިން އދ. އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ބައިނަލްއަގްވާމީ މުވައްޒިފުންނަށް މަސައްކަތް ނުކުރެވެނީ އދ. އާ ގުޅިފައިވާ ސިޔާސީ މީހުންގެ ސަބަބުން ކަމަށެވެ. އެ ސިޓީގައި މުވައްޒަފުން އަނބުރާ ގެންދަން ދީފައިވާ މުއްދަތު ވެސް ހިމަނާފައި ވެއެވެ.

ސިޓީއާ ގުޅިގެން އދ. އިން އަދި ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އެ ޖަމިއްޔާގެ ހިސާބުތައް ދައްކާ ގޮތުން އުތުރު ކޮރެއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އުޅެން ޖެހެނީ އަސާސީ ހިދުމަތުން މަހުރޫމް ވެގެންނެވެ. މިއަހަރުގެ ފެބްރުއަރީ މަހު ވެސް އުތުރު ކޮރެއާއިން ވަނީ އެ ގައުމުގައި ކާބޯތަކެތި ތަދުވުމުން އދ. ގެ އެހީތެރި ކަމަށް އެދިފަ އެވެ.

އދ. ފޮނުވި ސިޓީގައި އިންޓަނޭޝަނަލް ފުޑް ޕްރޮގާރާމްގެ މުވައްޒިފުންވެސް އަނބުރާ ގެންދަން އެދިފައި ވެއެވެ. އަދި އެގައުމަށް އެންމެ ބޭނުންވަނީ އދ. ގެ އިންސާނީ އެހީދޭ ޖަމިއްޔާގެ މީހުން ކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ އެވެ.

ގަވާއިދާ ހިލާފަށް ބަލަސްޓިކް މިސައިލް ޓެސްޓުކުރާ މައްސަލައިގައި އދ. އިން ވަނީ އުތުރު ކޮރެއާއަށް މީގެ ކުރިން ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ.