ހަބަރު

ނަޝީދުގެ ފާޑުކިޔުން އަނެއްކާވެސް ޗައިނާއަށް

އަނބުރާ އަދާ ނުކުރެވޭނެ ވަރުގެ ބޮޑެތި ލޯނުތައް ދީގެން، ގިނަ ގައުމުތަކެއްގެ މިނިވަންކަމާއި އިސްތިގުލާލު ޗައިނާއިން ފޭރިގަންނަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޗައިނާ އާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރާއްޖެ ދަރަނީގެ ފުން ވަޅުގަނޑަކަށް ވައްޓާލާފައިވާ ކަމަށެވެ.

"ސަރުކާރެއް އަތު އަޅުވާލައި، ގާނޫނު ހަދާ މަޖިލީސް ގަނެލައި، ގާނޫނުތައް ބަދަލު ކޮށްލައިގެން ވިޔަފާރީގެ ޕްލޭންތައް ފެއިލްވާފަދަ ބޮޑެތި އަގުތަކުގައި ކޮންޓްރެކްޓްތައް ހަދާލަނީ. އަދި ދޭ ކޮމާޝަލް ލޯނުތައް އަނބުރާ ދެއްކޭނެ ގޮތެއް ނޯވޭ. ދެން ދެއްކޭ ގޮތް ނުވުމުން މި ބުނަނީ އިކިއުޓީ ދޭށޭ. އިކުއިޓީ ދިނުމާއެކު އެ ދޫކޮށްލެވެނީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއެކު ގައުމުގެ އިސްތިގުލާލު. އަޅުގަނޑު މި ދައްކަނީ ސީދާ ޗައިނާގެ ވާހަކަ،" ނަޝީދު އިއްޔެ ވެސް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތަކަށް ނެގި ލޯނުތަކާއެކު ޗައިނާއަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް ވުރެ މަތިކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލުތައް ފެންނަން ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޗައިނާއާއެކު ވެފައިވާ ލޯނު އެއްބަސްވުންތައް މުރާޖައާކޮށް "ރީ ނެގޯޝިއޭޓް" ކުރުމުގެ މަޝްވަރާތައް ޗައިނާ ސަރުކާރާއެކު ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތަކަށް އަންނަ އަހަރުން ފެށިގެން ފައިސާ ދައްކަންޖަހަން ޖެހޭ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ދަރަންޏާ ގުޅޭގޮތުން ނަޝީދުއާއި ރާއްޖޭގެ ހުންނަވާ ޗައިނާ ސަފީރާއި ދެމެދު މިދިޔަ މަހު ސޯޝަލް މީޑީއާގެ ތެރޭގައި ބޮޑު ބަހުސެއް ވެސް ހިނގި އެވެ.