ހަބަރު

"ޑެޓް ޓްރެޕް" ތުހުމަތަކީ ސިލްކް ރޯޑް މަޝްރޫއާ ދެކޮޅު ހަތިޔާރެއް

Sep 22, 2020
1

ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޗައިނާ އިން ދީފައިވާ ލޯނުތަކަކީ އެ ގައުމުތައް "ޑެޓް ޓްރެޕް" ނުވަތަ ދަރަނީގެ ދަންތުރައެއްކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ، ޗައިނާގެ ސިލްކް ރޯޑް މަޝްރޫއާ ދެކޮޅަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއްކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ރައީސް ޝީ ޖިންޕިންގެ މޭސްތިރިކަމުގެ ދަށުން އެ ގައުމުގެ ވިޔަފާރީގެ ނާރެސް ދުނިޔެއަށް ފުޅާކުރަން ފަށާފައިވާ ސިލްކް ރޯޑް، ނުވަތަ "ވަން ބެލްޓް ވަން ރޯޑް" މަޝްރޫއުގެ ދަށުން ތަފާތު 150 ގައުމަކަށް 100 ބިލިއަނެއްހާ އެމެރިކާ ޑޮލަރަށް ވަނީ އަރައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތަކާއެކު ޗައިނާގެ "މަޅީގައި" ޖެހި "އަޑި ނޭނގޭ" އެއްބަސްވުންތަކުގެ ދަށުން ދިވެހިންގެ ބޮލުގައި ވެސް 3.1 ބިލިއަން ޑޮލަރުގެ ދަރަންޏެއް އެޅިފައިވާކަމަށް ޗައިނާގެ ދަރަންޏާ ގުޅޭގޮތުން އަބަދުވެސް ކަންބޮޑުވުންފާޅު ކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އަދި އެ ދަރަނި އަނބުރާ ނުދެއްކިއްޖެނަމަ، ރާއްޖޭގެ ރަށްތަކެއް ޗައިނާގެ އަތް ދަށަށް ގެންދާނެކަމަށް ނަޝީދު އިސްވެ ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.

ކުރީގެ ސަރުކާރުގައި ރާއްޖޭގައި ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ދީފައިވާ ލޯނުތަކާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ބޮޑެތި ތުހުމަތުތަކެއް ހިނގަމުންދަނިކޮށް ސަފީރު ގެންދަވަނީ ވީޑިއޯ މެސެޖުތަކެއް މެދުވެރިކޮށް އެ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

ސީދާ ނަޝީދުގެ ނަން ވިދާޅުނުވެ، ސަފީރު ވިދާޅުވީ "ޑެޓް ޓްރެޕް" ނުވަތަ ދަރަނީގެ ދަންތުރައެއްގައި ޗައިނާ އިން ރާއްޖެ ޖައްސާފައިވާ ކަމުގެ ތުހުމަތުތަކަކީ ވަކި ބަޔެއްގެ ހިޔާލީ ވާހަކައެއް ކަމަށެވެ.

އަދި އެކަން ކުރަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ހީނަރުކުރުމުގެ އިތުރުން ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުއާ ދެކޮޅަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ސަފީރު ވިދާޅުވި އެވެ.

"ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ދަށުން ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަށް ވަނީ ގިނަ ގުނަ ފައިދާތަކެއް ކޮށްފައި. އެގޮތުން، ރާއްޖެ އާއި ޗައިނާއާމެދު އޮތް ބަދަހި ގުޅުމަކީ އެ މަޝްރޫއުގެ ދަށުން ދެ ފަރާތަށްވެސް ލިބިދޭ ކުރިއެރުމާއި ފައިދާތަކުގެ މިސާލެއް،" އޭނާ ވިދާޅުވި އެވެ.

އަދި ޗައިނާ އާ ގުޅުވައިގެން ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް އާއްމު ދިވެހި ރައްޔިތުންނަށް އެނގޭނެކަމަށް ގަބޫލު ކުރައްވާކަމަށް ސަފީރު ވިދާޅުވި އެވެ.