ވިޔަފާރި

ޓޫރިޒަމް ދުވަހު ރާއްޖެއިން ވޯލްޑް ރެކޯޑެއް ހަދަނީ

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ފްރީ ޑައިވް ވޯލްޑް ރެކޯޑެއް ހެދުމުގެ އިތުރުން ހަވާ އެރުވުމާއެކު ގިނަ ހަރަކާތް ތަކެއް ހިންގަން ނިންމައިފި އެވެ.

މި މަހުގެ 27 ވަނަ ދުވަހު ބާއްވާ ޓޫރިޒމް ދުވަހުގެ ހަރަކާތްތަކުގެ މައުލޫމާތު ދޭން ސްޕޮންސަރުންނާއެކު، ހޮޓެލް ޖެންގައި މިއަދު ބޭއްވި އިވެންޓުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަތް އިވެންޓެއް ހިންގާނެ ކަމަށެވެ.

އެ ހުރިހާ އިވެންޓެއް ވެސް ކުރިއަށް ގެންދާނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ބައިވެރިވެ އެހީތެރިކަމާ އެކުގައި ކަމަށާއި ހަރަދުތައް ކުރާނީ ވެސް އިންޑަސްޓްރީއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވީ ފަތުރުވެރި ކަމަކީ އެންމެނަށް ވެސް ހަމަޖެހިލައިގެން ގެންދެވޭ ސިނާއަ ތަކަށް ހަދަން. ރާއްޖޭގެ މުސްތަގުބަލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެން ކުރިއަށް ގެންދާނެ ސިނާއަތަކަށް ހަދަން،" އޭނާ ވިދާޅުވި އެވެ. "މި ފަހަރު ކުރި އަށް ދާނީ އިންޑަސްޓްރީގެ ބައިވެރިވުމާއެކު. އެހެންވެ ހަވާ މައްޗަށް އަރައިގެން ދިޔަ ނަމަވެސް ޓެކްސް ޕެއާސް މަނީއެއް ނުދާނެ،"

ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސްޕޮންސަރުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރި ކުރާ ގިނަ ކުންފުނިތަކުގެ އިތުރުން ޓޫރިޒަމް ސިނާއަތުގެ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ. އޭގެ ތެރޭގައި ކްރައުން އެންޑް ޗަމްޕާ ކުންފުންޏާއި ވިލާ ގްރޫޕް އަދި ޔުނިވާސަލްގެ އިތުރުން ވެސް ގިނަ ރިސޯޓުތަކެއް ހިމެނެ އެވެ. އެ ފަރާތްތަކަށް ސްޕޮންސާޝިޕް ލިއުން މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް

  • 26 ސެޕްޓެމްބަރު: ވ. އަތޮޅުގައި ކެނޯ ރޭހެއް
  • 27 ސެޕްޓެމްބަރު: ބަރޮސް ފަޅުތެރޭގައި، ފްރީޑައިވް ވޯލްޑް ރެކޯޑް ހެދުން
  • 27،28 ސެޕްޓެމްބަރު: މާލޭގައި ޓޫރިޒަމް ޖޮބް ފެއާ
  • 1، އޮކްޓޫބަރު: އަނގޮޅިތީމް، ވިޒިޓާސް ސެންޓަރު ބިންގާ އެޅުން
  • 2، އޮކްޓޫބަރު: ޓޫރިޒަމް އޯޕަން ޑޭ
  • 3، އޮކްޓޫބަރު: ކިޑްސް ފުޓްބޯޅަ ފިއެސްޓާ
  • 4، އޮކްޓޫބަރު: ޓޫރިޒަމް ކޮންފަރެންސް ގާލާ ނައިޓް

ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކެނޯ ރޭސް އޮންނާނީ ވ. އަތޮޅުގަ އެވެ. ދެ ޖިންސު ބައިވެރިވާ އެ މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވާނެ އެވެ. މުބާރާތުގައި ވ. ކެޔޮދޫން ވ. ތިނަދޫއަށް ކެނޯގައި އަންހެނުން ދާނެ އެވެ. މި ހަރަކާތް ކުރިއަށްދާއިރު ޑޮކިއުމެންޓްކޮށް ދުނިޔެއަށް ލައިވް ކުރާނެ އެވެ. އަދި ފެލިދޫން ތިނަދޫއަށް ފިރިހެނުން ކެނޯގައި ދާނެ އެެވެ. އެ ހަރަކާތަށްފަހު އެ ދުވަހުގެ ރޭ ކެޔޮދޫގައި ޑިނާ ނައިޓެއް އޮންނާނެ އެވެ. ހަވާ އެރުވުމާއެކު އޮންނަ އެ ހަރަކާތް ފަށާނީ ސަންގު ފުމުމާއެކުގަ އެވެ.

ދުނިޔޭގެ ވޯލްޑް ރެކޯޑެއް މުގުރާލުން

"ފްރީ ޑައިވް ވޯލްޑް ރެކޯޑް" އަކީ އެންމެ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ރެކޯޑު ހަދަން ބާއްވާ އިވެންޓެކެވެ. މި ހަރަކާތް އޮންނާނީ 27 ވަނަ ދުވަހު އެވެ. މި އިވެންޓުގައި 500 މީހުން ބައިވެރިވާނެ އެވެ. މި ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިން ޗެމްޕިއަން ވިލިއަން ޓްރޫ ބްރިޖް ބައިވެރިވާނެ އެވެ. މި ވޯލްޑް ރެކޯޑް މިހާރު އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގަ އެވެ. ވެރޯނާއިން ރެކޯޑް ހަދާފައިވަނީ އޮކްޓޫބަރު 11، 2009 ގަ އެވެ. ރާއްޖެއިން މި ރެކޯޑް މުގުރާލުމުގެ އިވެންޓު އޮންނާނީ ބަރޮސް ފަޅުތެރޭގަ އެވެ.

މާލޭގައި ވެސް ހަވާ އަރުވާނެ

ރާއްޖޭގައި މިހާތަނަށް ހަދާ ފުރަތަމަ ޓޫރިސްޓު ވިޒިޓާސް ސެންޓަރުގެ ބިންގާ އެޅުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ރ. އަނގޮޅިތީމުގަ އެވެ. ގެސްޓް ހައުސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރަން ފަށާ ޓޫރިސްޓު ވިޒިޓާސް ސެންޓަރުގެ ފުރަތަމަ ސެންޓަރު ތަރައްގީ ކުރަނީ އެ ރަށުގަ އެވެ.

ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ތަރައްގީ ކުރާ އެތަނުން ރާއްޖޭގެ ސަގާފަތާއި ތާރީހުގެ މައުލޫމާތު ލިބޭނެ އެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންނަށް ޓޫރިޒަމް މިނިސްޓްރީ އިން ދޭ ހިދުމަތަކުގެ މައުލޫމާތު ދޭނެ "އޯޕަންޑޭ" އެއް ބާއްވާނެ އެވެ. މީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެ އާއި މާލޭގެ ސްކޫލްތަކުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް "ކިޑްސް ފުޓްބޯލް ފިއެސްޓާ" އެއް ބާއްވާނެ އެވެ.

ފިއެސްޓާގެ މޮޅު ކުޅުންތެރިޔާއަށް ދުބާއީގައި ހުންނަ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީން ވުމުގެ ފުރުސަތު ދޭނެ އެވެ. މި ހަރަކާތުގައި ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ބައިވެރިވާނެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް ކޮންފަރެންސެއް ވެސް އޮންނާނެ އެވެ. ކޮންފަރެންސް އޮންނާނީ ޕެރަޑައިސް ރިސޯޓުގަ އެވެ.