އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގައި އަވަސް އިންތިހާބެއް ބާއްވަން ފާހެއް ނުވި

އިނގިރޭސިވިލާތުގައި އަވަސް އިންތިހާބެއް ބާއްވަން ބޮޑުވަޒީރު ބޮރިސް ޖޯންސަން މަޖިލީހަށް ހުށަހެޅުން، އެކަމާ މެމްބަރުން ދެކޮޅު ހެދުމުގެ ސަބަބުން އަވަސް އިންތިހާބެއް ބާއްވަން ފާހެއް ނުވިއެވެ.

ހުށަހެޅުން ފާސް ނުވީ އިންތިހާބު ބާއްވަން ބޭނުންވާ އަދަދު ކަމަށްވާ މަޖިލީހުގެ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ. އެއީ މަޖިލީހުގެ 434 މެންބަރުންގެ ވޯޓެވެ. ވޯޓުގައި އަވަސް އިންތިހާބަކަށް ދާން ވޯޓު ދީފައި ވަނީ 298 މެންބަރުންނެވެ. އަދި ދެކޮޅަށް 56 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

މިއީ ބޮރިސްއަށް 24 ގަޑިއިރު ތެރޭ މަޖިލީހުގެ ތެރެއިން ނާކާމިޔާބާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. އީޔޫން ވަކިވާނެ ގޮތަކާމެދު ގޮތެއް ނުނިމިގެން އުޅެނިކޮށް އެ ގައުމުގެ މަޖިލީސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ފެންނަ ނުފެންނަ ވޯޓަކުން އީޔޫން ވަކިވުމަށް ސަރުކާރުން ނިންމި ނަމަވެސް، އީޔޫއާއެކު އެއްބަސްވުމަކަށް ނުގޮސް ވަކިވުމަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ދެކޮޅު ހަދާފަ އެވެ. ނަމަވެސް ބޮރިސް ބޭނުންފުޅު ވަނީ އެއްބަސް ވުމަކަށް ނާދެވުނު ނަމަވެސް އީޔޫން ވަކިވާށެވެ.

ރޭ ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވަނީ އެއްބަސްވުމަކަށް ނާދެވި އީޔޫ އިން ވަކި ނުވެވޭ ގޮތަށް ގާނޫނެއް ފާސްކޮށްފަ އެވެ. މި ގާނޫނު ފާސް ކުރަން ޖެހޭނީ މަތީ ގެއިންނެވެ. މަޖިލީހުގެ ތިރީ ގެއިން ފާސް ކުރާ ގާނޫނު އުވާލުމުގެ ބާރު މަތީ ގެއަށް ނުލިބުނު ނަމަވެސް އެ ގާނޫނަށް ގާނޫނީ ހައިސިއްޔަތު ދިނުމުގެ ބާރާއި، އިސްލާހުތަކާއެކު އަނބުރާ ތިރީގެއަށް ފޮނުވާލުމުގެ ބާރު ލިބިގެންވެ އެވެ.

އެހެންކަމުން މިހާރު ބޮރިސްއަށް އޮތް ހަމައެކަނި ފުރުސަތަކީ މަތީ ގޭގައި ގާނޫނާއި މެދު ކުރާ ބަހުސް ދިގު ދެމިގެން ގޮސްފިނަމަ ލިބޭނެ ފުރުސަތެެކެވެ. އެއީ އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ވަގުތީ ގޮތުން އަންނަ ހޯމަ ދުވަހުގެ ކުރިން ސަސްޕެންޑް ކުރަން ރާނީ އަމުރު ކުރައްވާފައިވާތީ އެވެ.