ބޮރިސް ޖޯންސަން

ބޮރިސް، ނާކާމިޔާބުވެ އަނެއްކާވެސް މަޖިލިސް ހުއްޓުމަކަށް

އިނގިރޭސިވިލާތުގައި އަވަސް އިންތިހާބެއް ބޭއްވުމަށް އެދި މަޖިލީހަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހުށަހެޅުމުން، އެހުށަހެޅުމަށް މެމްބަރުންގެ ރުހުން ނުލިބުން، އަނެއްކާވެސް ބޮރިސް ނާކާމިޔާބުވެ އިތުރު ފަސް ހަފްތާއަށް މަޖިލިސްގެ މަސައްކަތް ހުއްޓިއްޖެ އެވެ. މިއީ ބޮރިސްއަށް މަޖިލިސް ތެރެއިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަސް ވަނަ ފަހަރެވެ.

ބޮރިސްގެ ހުށަހެޅުމަށް ތާއިދުކޮށްފައިވަނީ 293 މެމްބަރުންނެވެ. މަޖިލީހުގައ ތިއްބަވާ މެމްބަރުންގެ އަދަދަކީ 650 އެވެ. މިފަހަރު ނާކާމިޔާބު ވުމުން، ރުޅިވެރިކަމާއެކު ބޮރިސް ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ވަކިވާން ކުރާ މަސައްކަތް މަޖިލީހަށް ނުހުއްޓުވޭނެ ކަމަށާއި، އަދި އީޔޫން ވަކިވުމުގެ މުއްދަތު ލަސް ނުކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތް އީޔޫގެ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ބޮރިސް ބޭނުންވަނީ އީޔޫއާއެކު އެއްބަސްވުމަކަށް ނުގޮހެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުންނާއި ބޮރިސް ނިސްބަތްވާ ޕާޓީގެ ބައެއް މެމްބަރުން އެކަމާ ދެކޮޅެވެ. އީޔޫން ވަކިވުމާއި މެދު ގޮތެއް ނިންމުމަށް ބާކީ އޮތީ 51 ދުވަހެވެ.

"މަޖިލީހުން އަޅުގަނޑު ހުއްޓުވަން އުޅުނަސް އެކަމެއް ނުވާނެ، ހެޔޮ ކިތަންމެ ވަރަކަށް މަޖިލީހުން ދެކޮޅު ހެދިޔަސް، ގައުމުގެ ރައްޔިތުންނަށް ރަނގަޅެއް ވާން އޮތީ އެއްބަސްވުމަކަށް ނުގޮސް ވަކިވުން، ނޫނީ ޖެހޭނީ އަހަރުމެން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތަކާ އީޔޫން އެއްބަސްވާން" ބޮރިސް ވިދާޅުވި އެވެ.

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ޖެރިމީ ކޯބިން ވިދާޅުވީ، އަވަސް އިންތިހާބެއް ބާއްވަން އެޕާޓީން ވެސް ބޭނުންވާ ކަމަށެވެ. އެކަމަކު އިންތިހާބެއް ބާއްވައިފިނަމަ އީޔޫން ވަކިވުމަށް ދީފައިވާ މުއްދަތު އިތުރު ވެގެންދާތީ ދެކޮޅު ކަމަށެވެ.