ވިޔަފާރި

ލައިވް ޓީވީ ބެލޭ ސްޕީޑްގައި ގޭގެއަށް އިންޓަނެޓް ދޭނަން: އުރީދޫ

Aug 3, 2015
1

އުރީދޫން ރާއްޖޭގައި ލޭންޑްލައިން އިންޓަނެޓުގެ ހިދުމަތް ދޭނީ ވަގުތުން ދައްކާ މަންޒަރުތައް އިންޓަނެޓު މެދުވެރިކޮށް ޓީވީ އާއި ޔޫޓިއުބުން ބަލާލެވޭހައި ހަލުވި ސްޕީޑެއްގައި ކަމަށް އުރީދޫން މިއަދު ބުނެފި އެވެ.

އުރީދޫގެ ހެޑް އޮފް ސޭލް ހުސެއިން ނިޔާޒު ވިދާޅުވީ ކުރިއަށް އޮތް 6-3 މަހާއި ދޭތެރޭގެ މުއްދަތެއްގައި އިންޓަނެޓުގެ ހިދުމަތް ގޭގޭގައި ފެށޭ ވަރުވާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ހިދުމަތް ދޭން މި ފަށަނީ މާލެ އާއި ހުޅުމާލެ، ވިލިމާލެ އަށް. އެ އަށްފަހު ރާއްޖޭގެ އެހެން ހިސާބުތަކަށް ހިދުމަތް ފޭށޭނެ،" ނިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދަނީ ދިރާގާއި އާރްއޯއެލް އިންނެވެ. ނަމަވެސް ސަރުކާރުން ވަނީ އިންޓަނެޓުގެ ހިދުމަތް ދިނުމަށް ތިންވަނަ ޕާޓީއެއްގެ ގޮތުން އުރީދޫއަށް ލައިސަންސް ދީފަ އެވެ. މި ހުއްދައާއެކު އުރީދޫން ވަނީ ގޭގެއަށް އިންޓަނެޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށާފަ އެވެ.

ނިޔާޒު ވިދާޅުވީ އުރީދޫން ރާއްޖޭގައި މޮބައިލް ހިދުމަތް ފެށުމާއެކު އިންގިލާބެއް އައި ކަމަށާއި، މި އިންގިލާބު އިންޓަނެޓުގެ ހިދުމަތައް ވެސް ގެންނާނެ ކަމަށެވެ.

"މޮބައިލް އިންޓަނެޓުގެ ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ ގެނެސްދިނީ އަޅުގަނޑުމެން. އިރާދަކުރެއްވިއްޔާ ގޭގެއަށް ދޭ އިންޓަނެޓުގެ ހިދުމަތައް ވެސް މި އިންގިލާބު އަންނާނެ. އަގާއި ހިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ މާލެ ހިމެނޭ ސަރަހައްދަށް ހިދުމަތް ފެށުމަށްފަހު، ރާއްޖޭގެ އެކި ހިސާބުތަކަށް ހިދުމަތް ފެށުމަށް ކަމަށާއި މި ހިދުމަތް ދިނުމަށް ބޭނުންކުރާނީ "ފައިބާ ޓު ހޯމް" ޓެކްނޮލޮޖީ ކަމަށެވެ.

" ގަތަރުގައި ވެސް ގޭގެއަށް ހިދުމަތް ދޭން ބޭނުންކުރަނީ ފައިބަ ޓު ހޯމް. ހަމަ އެ ޓެންނޮލޮޖީ އަޅުގަނޑުމެންވެސް ބޭނުންކުރާނީ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ހުއްދަ އުރީދޫ އަށް ނެތުމުން ގިނަ ދަތިތަކާ ކުރިމަތިވި ކަމަށެވެ.