ހަބަރު

ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ދިޔާނާ ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ކުރިމަތިލައްވައިފި އެވެ.

ދިޔާނާ، އެ މަގާމަށް ކުރިމަތިލައްވާފައިމިވަނީ އަންހެން ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ދިޔާނާއަކީ ޝަރުއީ ދާއިރާގެ ތެރޭގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލި މުއްދަތު ހަމަވީ މިއަދު އެވެ. ޖޭއެސްސީއިން ހުޅުވާލީ ސުޕްރީމް ކޯޓުގެ ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ އެވެ.

ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި މުއްދަތު ހަމަވި ހަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އޭގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ކުރިމަތިލެއްވިކަން ކުރިން މީޑިއާއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ޖޭއެސްސއިން ބުނި ގޮތުގައި ދިޔާނާގެ އިތުރުން ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.

މި ހަ ބޭފުޅުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ނަމެއް ޖޭއެސްސީއަށް ފޮނުއްވާފަ އެވެ. އެއީ ޑްރަގު ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ނަމެވެ.

މި ހަތް ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ކުރާނެ އެވެ. ރައީސް ލަފާ ދެއްވާފައިވަނީ އޭގެ ތެރެއިން ޖޭއެސްސީއަށް އެންމެ ހިތްހަމަޖެހޭ ބޭފުޅެއްގެ ނަމެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ޖޭއެސްސީއިން ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރި އެވެ.

އެ ފަހަރު ހުޅުވާލި ފުރުސަތުގައި ވެސް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު އަމިއްލއަށް ކުރިމަތިލެއްވި އެވެ. އެއީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އޭގެ ތެރެއިން އަލުން ކުރިމަތިނުލައްވަނީ ފަނޑިޔާރު ހަމީދެވެ. ކުރީ ފަހަރު ހަތަރު ބޭފުޅުންނާ ވެސް އިންޓަވިއު ކުރި އެވެ.

އެ ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ވެސް ކުރި އެވެ. ނަމަވެސް ޖޭއެސްސީއިން ރައީސް ސޯލިހަށް ލަފާ ދެއްވީ އެމަނިކުފާނު އެ ކޮމިޝަނަށް ފޮނުއްވި ދެ ބޭފުޅުންގެ ނަމެވެ. އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫނެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުން ވެސް ފާސްކޮށް މިހާރު ވަނީ މަގާމަށް އައްޔަންކޮށްފަ އެވެ.