ހަބަރު

ހަސަން އަލީއާއެކު އިތުރު ދެ ފަނޑިޔާރަކު ވެސް ކުރިމަތިލައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި އިތުރު ދެ ފަނޑިޔާރަކު ވެސް ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލި މުއްދަތު ހަމަވީ މިއަދު އެވެ. ޖޭއެސްސީއިން ހުޅުވާލީ ސުޕްރީމް ކޯޓުގެ ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ އެވެ.

ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި މުއްދަތު ހަމަވި ހަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އޭގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ކުރިމަތިލެއްވިކަން ކުރިން މީޑިއާއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ. އޭގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވެސް ވަނީ ކުރިމަތިލައްވާފަ އެވެ.

މި ހަ ބޭފުޅުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ނަމެއް ޖޭއެސްސީއަށް ފޮނުއްވާފަ އެވެ. އެއީ ޑްރަގު ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ނަމެވެ.

މި ހަތް ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ކުރާނެ އެވެ. ރައީސް ލަފާ ދެއްވާފައިވަނީ އޭގެ ތެރެއިން ޖޭއެސްސީއަށް އެންމެ ހިތްހަމަޖެހޭ ބޭފުޅެއްގެ ނަމެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ޖޭއެސްސީއިން ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރި އެވެ.

އެ ފަހަރު ހުޅުވާލި ފުރުސަތުގައި ވެސް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު އަމިއްލއަށް ކުރިމަތިލެއްވި އެވެ. އެއީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އޭގެ ތެރެއިން އަލުން ކުރިމަތިނުލައްވަނީ ފަނޑިޔާރު ހަމީދެވެ. ކުރީ ފަހަރު ހަތަރު ބޭފުޅުންނާ ވެސް އިންޓަވިއު ކުރި އެވެ.

އެ ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ވެސް ކުރި އެވެ. ނަމަވެސް ޖޭއެސްސީއިން ރައީސް ސޯލިހަށް ލަފާ ދެއްވީ އެމަނިކުފާނު އެ ކޮމިޝަނަށް ފޮނުއްވި ދެ ބޭފުޅުންގެ ނަމެވެ. އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫނެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުން ވެސް ފާސްކޮށް މިހާރު ވަނީ މަގާމަށް އައްޔަންކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަސަން އަލީ ކުރިމަތިލައްވާފައިވާއިރު އޭނާއާ ގުޅޭ މައްސަލައެއް އިއްޔެ ޖޭއެސްސީއިން ވަނީ ބަލަން ނިންމާފަ އެވެ. ޖޭއެސްސީއިން ބުނީ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ ގޮތުން ބަލަން ނިންމި މައްސަލައަކީ އެ ކޮމިޝަނަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުން ދެއްވި ބަޔާނަކާ ގުޅިގެން ބަލަން ނިންމި މައްސަލައެއް ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އާންމުކޮށްފައިވާ ރިލްވާން މައްސަލާގެ ތަހުގީގުގެ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާންގެ ޕާސްޕޯޓެއް ހެދުމަށް ހަސަން އަލީ ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކަށް އިރުޝާދު ދެއްވާފައިވެ އެވެ. އޭނާ ފުލުހަށް ދީފައިވާ ބަޔާނާ ހަވާލާދީ، ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ދެ ފުލުހަކު ހަސަން އަލީއާ ބައްދަލުކުރީ ރިލްވާންގެ މައްސަލަ ނިމެން އެބަ ޖެހޭ ކަމަށް ބުނެ އެވެ. އޭރު ހަސަން އަލީ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގަ އެވެ.