ހަބަރު

ރިލްވާން ރިޕޯޓް އާންމުވުމާ، ދައުވާ ސާބިތުވުމާ ގުޅުމެއްނެތް: މާރިޔާ

އަހުމަދު ރިލްވާންގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް އާންމު ވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، ރިލްވާންގެ މަރާ ގުޅޭ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރެއްވުމަށް ފަހު، އޭގައި ސިއްރު މައުލޫމާތުތައް ހިމަނާފައި ހުރެގެން އަލުން ވަނީ ރިޕޯޓްތައް އަތުލާފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅު ކުރަމުން ދަނިކޮށް މިނިސްޓަރު މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ކަންކަން އޮޅުން ފިލުން މާ މުހިންމު ކަމަށެވެ.

މާރިޔާ ވިދާޅުވީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ވަނީ ކުރިން ވެސް ފުލުހުން ހޯދާފައިވާ މައުލޫމާތު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ނަމަވެސް އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ދައުވާކު ރެވޭނެ ކަމެއް އޮތްނަމަ ކުރިން ދައުވާ އުފުލީސް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދައުވާ ސާބިތުވުމާއި، ރިޕޯޓް އާންމުވުމާއި ގުޅުމެއްވާ ކަމަށް ނުފެންނަ ކަމަށެވެ.