ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުންނަށް ގޮތް ހުސްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ، ސަރުކާރު ޒިންމާދާރުކޮށް ޕީޕީއެމްގެ ތާއީދު އިތުރު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އަރިއަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ކުރުކޮށް ޖަވާބު ދެއްވަމުން ޖަމީލް ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުންނަށް ގޮތް ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން ގައުމާއި ދޭތެރޭ ވިސްނާ ކޮންމެ ބައެއްގެ ވެސް ޒިންމާއަކީ ރައްޔިތުންނަށް އިތުރު ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.
ޖަމީލަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު މިހާރު ހުންނެވީ ރައީސް ޔާމީނާއެކު ޕީޕީއެމްގައިތޯ ސުވާލު ދެންނެވުމުން ޖަމީލް ވިދާޅުވީ "އަޅުގަނޑު މިހުރީ ހަމަ، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ނޫންތޯ؟"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށް ޖަމީލް މަސައްކަތް ކުރައްވުމަށްފަހު މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަނީތޯ ސުވާލު ކުރުމުން ޖަމީލް އޭނާ އިސްވެހުރެ ގެންނަން މަސައްކަތް ނުކުރަނީ ކޮން ސަރުކާރެއްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ސަރުކާރެއްގެ ޒިންމާއަކަށްވާން ވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށާ އެ މަންޒަރު މިހާރު ނުފެންނަ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސްގެ މަގާމު ފުރުއްވި ޖަމީލް ވިދާޅުވީ ގައުމުގެ އިގުތިސޯދު ނާޒުކުވެ، ރައްޔިތުން ފަގީރު ވެއްޖެ ކަމަށެވެ. އެހެންކަމުން ނިކުމެ ހުރީ އެކަންކަން ބަދަލު ކުުރުމަށް ކަމަށެވެ.