ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މަސައްކަތަށް ނަޝީދު ދެއްވީ ބީ ޕްލަސް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި މަޖިލީހުގެ މަސައްކަތަށް "ބީ ޕްލަސް" ރިޕޯޓެއް ދެއްވާ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރެއްވި މިންވަރަށް މަސައްކަތް ނުނިންމުނު ނަމަވެސް މަޖިލީހުގެ މަސައްކަތަކާ މެދު ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން ރިޕޯޓެއްގެ ގޮތުގައި މަޖިލީހުގެ މަސައްކަތައް އެމަނިކުފާނު ދެއްވާނީ ބީ ޕްލަސް އެއް ކަމަށެވެ.

"އާ މަޖިލީހުގެ ފުރަތަމަ ދައުރުވީމަ ބިލުތައް މަޖިލީހަށް އަންނަން ފެށީ ކުޑަތަންކޮޅެއް ލަސްކޮށް، އަދި އީދުގެ ބަންދު ވެސް މި ދައުރުގެ ތެރެއަށް އައުމުން މުހިއްމު ހަފުތާއެއް ގެއްލިގެން ދިޔަ، ޖުމުލަކޮށް މި ދައުރާ ދޭތެރޭގައި ބީ ޕްލަސްއެއްގެ ގޮތުގައި ދެކެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖުމުލަކޮށް މި ދައުރާ ދޭތެރޭގައި ބީ ޕްލަސްއެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ
މުހައްމަދު ނަޝީދު | މަޖިލީހުގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންނަށް ވައުދުވި ފަދަ ތަފާތު މަޖިލީހެއްގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލިސް ހެދުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ. އެ ގޮތުން އިސްލާހު ކުރި، މަޖިލީހުގެ ގަވާއިދުން އެކަނި ވެސް އެ ތަފާތު ފެނިިގެން ގޮސްފައިވާ ކަމަށެވެ.

އެ ގޮތުން ބަލިވުން މުހިއްމު ސަބަބެއް ނެތި މެންބަރުން ބައިވެރިވަވަޑައި ނުގަންނަވާ ޖަލްސާތަކުން މެންބަރުން މުސާރައިން ބައެއް އުނި ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވެ އެވެ. އަދި މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލީ މީހުންގެ މާލީ ހިސާބުތައް އާންމު ކުރުން ލާޒިމު ކުރުން ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެންމެ މުހިއްމު މަސައްކަތަކީ ޖުޑިޝަރީ އިސްލާހު ކުރުން

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ނިމު ދައުރުގައި އެންމެ ބޮޑަށް ކުރެވުނު މަސައްކަތަކީ ޖުޑިޝަރީ އިސްލާހު ކުރުމާއި ރައްޔިތުންނަށް އިންސާފު ގާއިމު ކޮށްދިނުމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ. އެ ގޮތުން ޖޭއެސްސީގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުތައް ފާހަގަކުރެއްވި އެވެ.

"ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި. ފަނޑިޔާރުންނާއި ކޯޓްތަކުގެ ގާނޫނަށް ވެސް، މި ދައުރުގައި ހިނގުނު ހިންގުނު މުހިއްމު ކަންކަމުގެ ތެރޭގައި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު، އަދި ޖޭއެސްސީގެ ބާރު ހިފަހައްޓަން މަޖިލީހުން އެހީތަކެއް ވެއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖުޑިޝަރީއާ ގުޅުން ހުރި ގާނޫނުތަކަށް މަޖިލީހުން ގެނައި ބަދަލުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދަށުގައިވާ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކުރިން އޮތް ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ގެންދިއުން ހިމެނެ އެވެ. އަދި ކުރިން އޮތް ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް އިތުރުކުރުން ވެސް ހިމެނެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަަށް އޮތް ދައުރުގައި މަޖިލީހުން ކުރާނެ މަސައްކަތްތައް ވެސް މިހާރު ރާވާ ނިންމާފައިވާ ކަމަށެވެ. މަޖިލީހުން މަސައްކަތް ކުރާނީ ހުރިހާ ކަމެއް ރާވައި އިންތިޒާމުތަކެއްގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަންނަ ދައުރުގެ ތެރޭގައި އެންމެ މުހިއްމު ގިނަ ކަންކަން ކުރުމަށް ރާވާފައިވާއިރު އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ ލާމަރުކަޒީ ގާނޫނުގެ މަސައްކަތެވެ.