ހަބަރު

"ނަޝީދު ޗައިނާއާ ގުޅުވާ ވާހަކަތައް ގައުމީ މުސީބާތަކަށް ވެދާނެ"

ޗައިނާއާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތައް ވެގެން ދާނީ "ގައުމީ މުސީބާތަކަށް" ކަމަށް ކުރީގެ އެ ކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ އަނބުރާ އަދާ ނުކުރެވޭނެ ވަރުގެ ބޮޑެތި ލޯނުތައް ދީގެން، ގިނަ ގައުމުތަކެއްގެ މިނިވަންކަމާއި އިސްތިގުލާލު ޗައިނާއިން ފޭރިގަންނަމުންދާ ކަމަށް ވިދާޅުވެ، ނަޝީދު ދައްކަވާ ވަހަކަތައް ތަކުރާރުކޮށް އަނެއްކާވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ. ނަޝީދުގެ ފާޑު ވިދާޅުވުން އައީ ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރަންސްގެ ތެރޭގަ އެވެ.

ސައީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ކޮންމެ އަހަރަކު ތިން ލައްކަ ފަތުުރުވެރިން ޒިޔާރަތް ކުރަމުން ދާއިރު، ތަރައްގީ ގެނައުމުގައި އެންމެ ފަހި ފުރުސަތުތަކެއް ރާއްޖެއަށް ތަނަވަސް ކޮށްދީފައި ވަނީ ވެސް ޗައިނާއިން ކަމަށެވެ. އަދި އެ ފުުރުސަތުތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށް ވެސް ވެގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ފަސް އަހަރުގެ ދައުރުގައި ރާއްޖެއަށް ލިބުނު ތަރައްގީގެ ފަހަތުގައި އޮތީ ޗައިނާ ކަމަށާއި ރާއްޖެ ގެނައި އެ ތަރައްގީއަކީ ހެޔޮ އަގުގައި، ހެޔޮގޮތުގައި ގެނައި ތަރައްގީ ކަމަށެވެ.

"ގާތްގަނޑަކަށް 10 ވަރަކަށް އަހަރު މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ ޕަސެންޓް ޗައިނާ ހިއްސާ ކުރަމުންދާތާ. އަނެއްކޮޅުން މިދިޔަ ފަސްއަހަރު، ރައީސް ޔާމީންގެ ސަރުކާރުން ގެނައި ތަރައްގީއަށް އެންމެ ބޮޑު އެހީތެރި ކަމެއް ދިނީ ޗައިނާ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ މިފަދަ ގައުމަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާއިރު ތިމާއަށް އެކަންކަން ސާފުވެފަވާ ކަމެއްގައި ނޫނީ ވާހަކަ ނުދައްކަވާށޭ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ނަޝީދުގެ ވާހަކަތައް ވެގެންދާނީ "ގައުމީ މުސީބާތަކަށް" ކަމަށެވެ. އެއީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އޮތް ހުރަހަކަށް ވެގެންދާނެ ހިނގައިދާނެ ކަމަށެވެ.

"މިއީ ސިޔާސީ ވާހަކަތަކެއް ނޫން. އަދި މިއީ ސިޔާސީ ބޭފުޅަކު ދައްކައިގެންވާނެ ވާހަކަތަކެއް ނޫން... ހަމަ ހިތަށްއަރާ ވާހަކަތަކެއް ދިވެހިންގެ މިހާ މުހިންމު ބައިވެރިއަކާ ގުޅޭގޮތުން ދައްކާނަމަ އެކަން ވާނީ ގައުމީ މުސީބާތަކަށް" ސައިދު ވިދާޅުވި އެވެ.

މިއީ ސިޔާސީ ވާހަކަތަކެއް ނޫން. އަދި މިއީ ސިޔާސީ ބޭފުޅަކު ދައްކައިގެންވާނެ ވާހަކަތަކެއް ނޫން... ހަމަ ހިތަށްއަރާ ވާހަކަތަކެއް ދިވެހިންގެ މިހާ މުހިންމު ބައިވެރިއަކާ ގުޅޭގޮތުން ދައްކާނަމަ އެކަން ވާނީ ގައުމީ މުސީބާތަކަށް
މުހައްމަދު ސައީދު | މާވަށު ދާއިރާގެ މެންބަރު

ސައީދު ވިދާޅުވީ އަނބުރާ އަދާ ނުކުރެވޭނެ ވަރުގެ ބޮޑެތި ލޯނުތައް ދީގެން، ގިނަ ގައުމުތަކެއްގެ މިނިވަންކަމާއި އިސްތިގުލާލު ޗައިނާއިން ފޭރިގަންނަމުންދާ ކަމަށް ވިދާޅުވުމަކީ ޗައިނާއާއި ގުޅޭގޮތުން ނަޝީދު ހެއްދެވި އިތުރުފުޅެއް ކަމަށެވެ.

ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޗައިނާ އާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ދަރަނީގެ ފުން ވަޅުގަނޑަކަށް ވައްޓާލާފައިވާ ކަމަށެވެ.