އަހުމަދު ރިލްވާން މަރާލި މައްސަލާގައި އިހުމާލުވި ފަސް ފުލުހަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިިފި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރިލްވާންގެ މައްސަލަ ބެލުމަކީ މަޖިލީހުން އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ އެއް މައްސަލަ ކަމަށެވެ. އެ ގޮތުން މަޖިލީހުގެ ޗުއްޓީ ދުވަސްވަރުގައި ވެސް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މަޖިލީހަށް ހިއްސާ ކުރި ރިލްވާންގެ މައްސަލައިގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް 241 ކޮމިޓީން ކުރިއަށް ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރިލްވާންގެ މައްސަލާގައި އިހުމާލުވި ކަމަށް ރިޕޯޓްގައި ފާހަގަކުރާ ފަސް ފުލުހުންނަށް ވަގުތުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ފަސް ފުލުހުން މިހާރު ވެސް ތިބީ ފުލުހުންގެ ވަޒީފާގަ އެވެ.
ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ފަހުން ވިދާޅުވީ އެ ފަސް ފުލުހުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި ބަހެއް ނުބުނެ އެވެ.
"އަޅުގަނޑު މި ތަނަށް އައިސް ހުއްޓެން ދެން މަގާމުގަ މަސްއޫލިއްުޔަތު އަދާ ކުރަން ދިޔައީ، ނަމަވެސް މިހާރު އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި އެއިން އެއްވެސް ބޭފުޅަކު މިހާރު މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނަޝީދު ފާހަގަކުރެއްވި ފުލުހުން
- އިބްރާހިމް ރިފްއަތް
- މުހައްމަދު ޖިނާހް
- އަހްމަދު ހަމީދު އަބްދުލްރަހީމް
- މުހައްމަދު ފަޔާޒް އިސްމާއީލް
- އިބްރާހިމް ހަލީލް
ނަޝީދު ފާހަގަކުރެއްވި ފުލުހުންގެ ތެރެއިން އިބްރާހިމް ރިފްއަތާއި މުހައްމަދު ޖިނާހް ވަނީ އޭޕްރީލް 24، 2014 އިން ފެށިގެން ޖުލައި 21، 2014 އާ ހަމައަށް ރިލްވާންގެ ފޯނު ކޯލްތައް އަޑުއަހާފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. އަދި ރިލްވާން ސީރިއަށް ފުރި ކަން ދައްކަން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރާ ބައްދަލު ކުރެއްވީ ވެސް އެ ދެ ފުލުހުންނެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެދިވަޑައިގަތުމަށް އެކި ފަހަރު މަތިން އިބްރާހީމް ރިފްއަތާއި މުހައްމަދު ޖިނާހް ބައްދަލު ކުރައްވާފައިވާ ކަމަށާއި ބޮޑެތި އަދަދުތަކުން އަދީބުގެ އަތްޕުޅުން ފަައިސާ ނަންގަފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.
ރިލްވާންގެ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމުގެ މައުލޫމާތާއި ދެ މީހަކު ވަގަށް ނަގައިގެން ކަނޑު ފައްތާލަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ނަމަވެސް އެ ކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ރިލްވާނަކީ ދައުލަތާ ދެކޮޅު ހަރަކާތްތަކެއް ހިންގަން އުޅުނު މީހެއް ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ހުށަހެޅި ކަންކަމުގައި އަނެއް ތިން ބޭފުޅުންގެ އިހުމާލުތަކެއްވާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.