ހަބަރު

ސަނީފުގެ ވާހަކަތަކަކީ ޝަޚުސު ކަތިލުމުގެ ދޮގެއް: ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދަކީ ހަރުކަށި ޚިޔާލުގެ މީހުން ރެކްރޫޓް ކުރާ ޖަމާއަތެއްގެ ލީޑަރެއް ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، ދެއްކެވީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޝަހީމް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ސަނީފް ވަނީ ޝަހީމުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ޝަހީމަކީ ހަރުކަށި ޚިޔާލުގެ މީހުން ރެކްރޫޓް ކުރާ ޖަމާއަތެއްގެ ލީޑަރެއްގެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަނީފްގެ ވާހަކަތައް ދޮގުކުރައްވާ ޝަހީމް މިއަދު ވިދާޅުވީ އޭނާއަކީ ރެކްރޫޓް ކުރާ ޖަމާއަތެއްގެ ލީޑަރެއްގެ ގޮތުގައި ސިފަކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު ޝަނީފް ދެއްކެވި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެއީ އޭނާގެ ޝަޚުސިއްޔަތު ކަތިލުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެކަމަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި، އިސްލާމްދީނާއި މުސްލިމު އުންމަތަށް ޚިދުމަތް ކުރުމަށް އަދާ ކުރަމުންދާ މަސްއޫލިތުގައި އޭނާއަށް ގެއްލުން ދިނުމަށް ގަސްތުގައި ދެއްކި ވާހަކައެއް ކަމަށް މާނަ ކުރާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިފަދަ ކަމެއްގައި އޭނާއަށް ތުހުމަތުކޮށްފައިނުވާކަން ވެސް ޝަހީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކުރިން އިސްލާމިކު މިނިސްޓަރުކަމާ، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވީ ފެށުނީއްސުރެ ދީނީ ހަރުކަށި އަމަލުތަކާ ދެކޮޅަށް ރާއްޖޭގަ އާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އޭނާ ދަނީ ވަކާލާތު ކުރައްވަމުންނެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް އިސްލާމްދީނުގެ މެދުމިނުގެ ހަމަތައް ނަގަހައްޓަން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.

"ސަނީފްގެ ވާހަކަތަކަކީ އަޅުގަނޑުގެ ޝަޚުސިއްޔަތު ކަތިލަން ކުރިއަށް ރޭވިފައި ހުރި އެތައް ކަމެއްގެ ފެށުން ކަމުގައި ވެދާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޒިއްމާދާރު ބަޔަކަށް ވާންވާނެ. މީހުންގެ ޝަޚުސިއްޔަތު ކަތިލަން ދޮގު ވާހަކަތައް ދެއްކުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަރާމަތާ ގުޅޭ ކަމެއްނޫން. ހައްގުތައް ހޯދައިދީ އަދުލުވެރިކަން ނަގަހައްޓަން އައި ބަޔަކު އެހެން ގޮތަކަށް އަމަލުކޮށް ބައެއްގެ އަބުރާއި އިންސާނީ ކަރާމަތާއި ހައްގުތައް ނަގާލައި ދުނިޔޭގައި އުޅެންވެސް އުނދަގޫ ކުރުމަކީ ދެރަވަރު ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވެސް އިޚްތިޔާރު ކުރެއްވި ޝަހީމަކީ އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރެވެ. އަދި އޯއައިސީގެ ފިކުރީ ގޮފީގެ ވެރިޔަކީ ވެސް ޝަހީމެވެ. މީގެ އިތުރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން "އިންޓަނޭޝަނަލް އިސްލާމިކް އެންސައިކޮލޮޕީޑިއާ އޮން ޓޮލަރެންސް" ނެރެން ނިންމައި އެކަމަށް ބޭނުންވާ އިލްމުވެރިންގެ ކޮމެޓީ އެކުލަވާލައި އެމަސައްކަތް ހަވާލު ކުރެއްވި ބޭފުޅުންގެ ވެރިޔަކީވެސް ޝަހީމެވެ.