އަނބުރާ އަދާ ނުކުރެވޭނެ ވަރުގެ ބޮޑެތި ލޯނުތައް ދީގެން، ގިނަ ގައުމުތަކެއްގެ މިނިވަންކަމާއި އިސްތިގުލާލު ޗައިނާއިން ފޭރިގަންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ރައްދު ދެއްވައިފި އެވެ.
ރާއްޖޭގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރަންސްގައި ނަޝީދު ވިދާޅުވީ ޗައިނާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރާއްޖެ ދަރަނީގެ ފުން ވަޅުގަނޑަކަށް ވައްޓާލާފައިވާ ކަމަށެވެ. އަދި ބޮޑެތި ލޯނުތައް ދީގެން ގައުމުތަކެއްގެ މިނިވަން ކަން ފޭރިގަންނަމުންދާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މީގެ ކުރިން ވެސް ޗައިނާއާ ގުޅުވައި ނަޝީދު ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން ގައުމުތަކުގެ މިނިވަން ކަމަށް އަރައި ގަނެ، ބިން ފޭރޭ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކަކީ ދެ ފަރާތުން ބޭނުންވެގެން ދެ ފަރާތަށް މަންފާވާ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކެއް، އެއީ އެންމެ ފަރާތަކަށް މަންފާވާ ގޮތަށް ދެކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން، އަދި ބިން ފޭރުމާއި މިނިވަންކަން ފޭރުމަކީ އަހަރެމެންގެ ސިޔާސަތެއް ނޫން،" ޗައިނާ ސަފީރުގެ ޓްވީޓްގައިވެ އެވެ.
ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި އެ ގައުމުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މަޝްރޫއުތައް ހިންގާފައި ވަނީ ބައިނަލްއަގްވާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެއީ ޗައިނާއިން ރާއްޖެއަށް ކޮށްދިން ހަމައެކަނި ކަންކަން ނޫން ކަމަށާއި އަހަރެއްގެ މައްޗަށް އެ ގައުމުން ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވެސް ރާއްޖެ އަންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ނަގާފައިވާ ލޯނުތަކުން ހިންގާފައިވާ މަޝްރޫއުތައް ހިންގީ އަސްލު އަގަށްވުރެ ދެ ގުނަ ބޮޑުކޮށް ކަމަށާއި އިތުރުވާ ފައިސާ އުނި ކުރަން ދެން ޗައިނާގެ ލޯނު ވާހަކަ ތަކުރާރުކޮށް ދައްކަވާނެ ކަމަށެވެ.
ރާއްޖޭން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ނަޝީދާއި ޗައިނާ ސަފީރު ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވައި އަރައިރުންވެފަ އެވެ. އެ ގޮތުން މީގެ ކުރިން ޗައިނާއަށް ދައްކަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އަދަދަކާ ގުޅިގެން ވެސް ޗައިނާ ސަފީރު ހިތްހަމަނުޖެހުނެވެ.
ޗައިނާ ސަފީރު އޭރު ވިދާޅުވި ގޮތުގައި ރާއްޖޭން ޗައިނާއަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި 3.4 ބިލިއަން ޑޮލަރަކީ ތެދެއް ނޫނެވެ. ރާއްޖޭން ޗައިނާއަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހެނީ 1.53 ބިލިއަން ޑޮލަރު ކަމަށް ޗަައިނާ ސަފީރު އޭރު ފާހަގަކުރެއްވި އެވެ.