ހަބަރު

ކާނަލް ރައޫފުގެ މައްސަލަ ބަލަން އޭޖީ އަންގަވައިފި

އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގު ރިޕޯޓާއި ގުޅިގެން މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފްގެ މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަން ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ފުލުހުންގެ އިދާރާގައި، އެދިވަޑައިގެންފި އެވެ.

އެ އެންގެވުން ބަންޑާރަ ނައިބު ފުލުހުންނަށް އެންގެވީ މިއަދުގެ ވަގުތެއްގައި ފޮނުއްވާފައިވާ ސިޓީއެއް މެދުވެރިކޮށެވެ.

ބަންޑާރަ ނާއިބު މިރޭ "އަވަސް" އަށް ވިދާޅުވީ ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގައި ރިލްވާންގެ ޕާސްޕޯޓާއި ގުޅޭ ގޮތުން މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަޝްވަރާތަކެއް ކުރައްވާފައި ވާކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެކަން އިތުރަށް ބަލާ ތަހުގީގު ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ނަމަވެސް ކާނަލް އަބްދުއް ރައޫފްގެ މައްސަލަ ތަހުގީގު ކުރިއަށްދާއިރު، އޭނާ ހައްޔަރު ކުރަން އޭޖީ އެދިވަޑައިގެންފައެއް ނުވެއެވެ.

ނަމަވެސް މިއަދު އޭޖީ ވަނީ ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކުރަން ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުލުހުންނަށް އަންގަވާފަ އެވެ. މަރު ކޮމިޝަންގެ ރިޕޯޓްގައި ރިލްވާންގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވަނީ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތެވެ.

އޭޖީ ވިދާޅުވީ ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުއްވީ ރިލްވާންގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ ވީހާވެސް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮޮތުން ކަމަށެވެ. ގާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަށް އޭޖީހެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެހެން ކުރަންވަން ޖެހިވަޑައިގަންނަވާ ކަމަށް ވީއިރު، މިފަދަ އެންގެވުމެއް އެންގެވީ އެ ސަބަބާއި ގުޅިގެންކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

ރިލްވާންގެ މަރުގެ ތަހުގީގުގެ ރިޕޯޓާއި ގުޅޭގޮތުން މިއަދު ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އަހުމަދު ރިލްވާން މަރާލި މައްސަލާގައި އިހުމާލުވި ފަސް ފުލުހަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ.