ހަބަރު

ހިޔާ ފްލެޓަށް ފޯމް ހުށަހެޅި މީހުންގެ ހާލަތު ބަލާނެ ބަޔަކު ހޯދަނީ

Sep 6, 2019
4

ބޯހިޔާވެހިކަމަށް ކުރީ ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ރައީސް އޮފީހުން އިއުލާންކޮށްފި އެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ "ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" އިން ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށްޓަކައި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ޝައުތުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ކުރިން އެ އޮފީހަށް ހާޒިރުވެ އަންދާސީހިސާބު ހުށަހަޅަން އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ހިޔާ މަޝްރޫއަށް ކުރި މަތިލުމަށް މިދިޔަ އަހަރު ފަހުކޮޅު ހުޅުވާލި ފުރުސަތުގައި 12 ކެޓަގަރީއަކަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 6،723 މީހުންނަށް ފްލެޓު ލިބޭނެ ކަން އަންގާ އޭރު ވަނީ އިއުލާން ކުރި އެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ އަމަލީ މަސައްކަތް 19 ޑިސެމްބަރު 2017 ގައެވެ. އޭރު އެއްބަސްވެފައިވާ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 އިމާރާތެއް އަޅާނެ އެވެ. އެއީ 6880 ފްލެޓެވެ.

އެ ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ދާއިރު އެ ފްލެޓުތައް ކުޑަ ވުމާއި ފެންވަރު ދަށް ކަމަށް ބުނެ ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.