ހަބަރު

ރައީސް ޔާމީން ކެމްޕޭނާއި ކުޅިވަރުގައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ވަރަށް ހޫނު ހިސާބަކަށް ގޮސްފަ އެވެ. ނަމަވެސް ކޯޓުން ބޭރުގައި ރައީސް ޔާމީން ވަނީ ވަރަށް ހަމަޖެހިލައިގެން ކެމްޕެއިންގެ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތައް ވެސް ފޯރިއާއެކު ފައްޓަވައިފަ އެވެ.

ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކަށް ޕީޕީއެމްގެ ޓީމެއް ވަނީ އަތޮޅުތެރެއަށް ފުރައިފަ އެވެ. އެ ދަތުރުފުޅުގައި ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެގޮތުން ރައީސް ޔާމީންގެ ޓީމުން މިއަދު ވަނީ އދ. މަހިބަދޫގައި ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ. މެޗު ކުޅުނީ ޕީޕީއެމް ޕީއެންސީގެ ލީޑަރުންގެ ޓީމަކާއި މަހިބަދޫގެ ފުޓުބޯޅަ ޓީމެކެވެ. އެ މެޗުގައި ރައީސް ޔާމީން އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވި އެވެ.

ޕީއެންސީގެ މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތު ކަމާއެކުގައި ކަމަށާއި އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް މިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި އެމަނިކުފާނު ޖަލަށްލާފައިވާތީ ކެމްޕެއިންތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބި ވަޑައި ނުގަތުމުން ކައުންސިލް އިންތިހާބަށް ވީހާވެސް ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ރައީސް ޔާމީން އަމާޒު ހިއްޕަވާފައިވާ ކަމަށެވެ.

"އެއީ ސާބިތު ކަމާއި އަގީދާ އިނގޭތޯ، ޝަރީއަަތަށް ބަލާފައި އަޅުގަނޑުމެންގެ ޕާޓީގެ މަސައްކަތަށް ހުއްޓުމެއް ނާދޭ، ޕާޓީގެ ކުރިމަގާ ގުޅިފައި އޮތީމަ ރައީސް ވެސް ބޭނުންވެވަޑައިގަތީ ކެމްޕެއިނަށް ނުކުންނަވަން،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ މަހިބަދޫގައި ފުޓުބޯޅަ ދަނޑާއި ބަނދަރު ހެދުމާއި ނަރުދަމާ އެޅުމާއި މަގުހެދުމުގެ މަޝްރޫއު ވެސް ކުރިޔަށް ގެންގޮސްފައި ވަނީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން އެ ރަށުން އެމަނިކުފާނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެމްޕެއިން މި ދަނީ ވަރަށް ކާމިޔާބުކޮށް،" މުންދު އިތުރަށް ވިދާޅުވި އެވެ.