ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ފަސް އަހަރުގެ ބްރޭކަކަށްފަހު ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ "ޖަޒްބާ" އިން އެނބުރި އަންނަން ތައްޔާރުވަމުން އަންނައިރު، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ވަރަކަށް ފިލްމީ ދާއިރާއާ ދުރަށް ދެވުނު ފަދަ އިހްސާސެއް ނުކުރެވޭ ކަމަށް އައިޝްވާރިޔާ ބުނެފި އެވެ.
އުމުރުން 41 އަހަރުގެ އައިޝްވާރިއާ އެންމެފަހުން ފެނިގެންގޮސްފައިވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގުޒާރިޝް" އިން 2010 ވަނަ އަހަރު އެވެ.
ފަސް އަހަރުގެ ބްރޭކް އަކަށްފަހު "ޖަޒްބާ" އާއިއެކު އެނބުރި ފިލްމުކުޅެން ފަށާތީ އެކަމާ ވަރަށް އުފާވާކަމަށާއި މިހާރުވެސް މިފިލްމު ރިލީޒްކުރާ ދުވަހަށް އިންތިޒާރުކުރަމުން އަންނަ ކަމަށެވެ. މިފިލްމުގައި އައިޝްވާރިޔާގެ އިތުރުން ޝަބާނާ އާޒްމީ އާއި އިރްފާން ޚާނާއި ޗަންދަން ރޯއި ސަންޔާލްގެ އިތުރުން ޖެކީ ޝްރޮފް މުހިންމު ރޯލުތަކުން ފެނިގެންދެ އެވެ.
އިއްޔެ ރޭ ދިއްލީގައި ބޭއްވި ދަ އެމޭޒަން އިންޑިއަން ކޯޗާ ވީކްގައި އިންޑިއާގެ މަޝްހޫރު ޑިޒައިނާ މަނީޝް މަލްހޯތުރާގެ ކަލެކްޝަން ދައްކާލުމަށް ފަސް އަހަރު ފަހުން ރޭމްޕްގައި ހިނގާލުމަށްފަހު އައިޝްވާރިޔާ ދިން އިންޓަވިއުއެއްގައި ވަނީގިނަ ދުވަސްތަކަކަށްފަހު ކުޅުނު ފިލްމުގެ މަސައްކަތަކީ ގިނަ ތަޖުރިބާއެއް ލިބިގެން ދިޔަ ފިލްމެއް ކަމަށެވެ. މީގެއިތުރުން ފިލްމުގެ ޑައިރެކްޓަރާއި ހުރިހާ ތަރިންވެސް އަދި މުޅި ކްރޫވެސް ވަރަށް ރަނގަޅު ކަމަށެވެ. އަދި މިފަދަ ޓީމަކާއި އެކު މަސައްކަތްކުރުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއްކަމަށްވެސް އައިޝްވަރިޔާ ވނީ ބުނެފަ އެވެ.
"ގިނަ ދުވަސްފަހުން ސްކްރީނަށް އެނބުރި އަންނަ ކަމުގެ އިހްސާސެއް ނުވޭ، ހުރިހާ ކަމެއްވެސް ވަރަށް މަޖާ" އައިޝްވާރިޔާ ބުންޏެވެ.
ވަރަށް ބަލިކޮށް އުޅެމުންވެސް މަނީޝްގެ އެދުމަށް އައިޝްވާރިޔާ ޗޮކްލެޓް ބްރައުން ކުލައިގެ ގައުންއެއްގައި ރޭމްޕްގައި ހިނގާލާފައިވާއިރު، މީގެ ފަސްއަހަރު ކުރިންވެސް އައިޝްވާރިޔާ އެންމެފަހުން ރޭމްޕްގައި ހިނގާލާފައިވަނީ މަނީޝްގެ ޝޯއެއްގަ އެވެ.
ދެހާސް ހަތް ވަނަ އަހަރު ނިކުތް ކޮރެއަން ފިލްމު "ސެވަން ޑޭސް" އަސްލަކަށް އުފައްދާފައިވާ މިފިލްމު އޮޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވައިވާއިރު، މިފިލްމުގެ ޓްރެއިލާ މިމަހުގެ 15ވަނަ ދުވަހު ރިލީޒްކުރާނެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނެއް ބައިވެރިވި މި ޝޯގައި އައިޝްވާރިޔާގެ މައިދައިތަ އަދި ކުރީގެ ބަތަލާ ޖާޔާ ބައްޗަން އާއި ޝަބާނާ އާޒްމީ އާއި ކީރްތީ ސަނޮން އަދި އަދިތީ ރާއޯ ހައިދްރީ ފަދަ ތަރިންވަނީ ބައިވެރިވެފަ އެވެ.
"ޖަޒްބާ"ގެ އިތުރުން އައިޝްވާރިޔާ މިހާރު ވަނީ ކަރަން ޖޯހަރުގެ "އެއި ދިލް ހޭ މުޝްކިލް" އާއި ޑައިރެކްޓަރު އޮމަންގް ކުމާރު ސަރަބްޖީތް ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ކުޅެން ސޮއިކޮށްފަ އެވެ.