ހަބަރު

ދެ ފުލުހުން ހައްޔަރު ނުކުރުމުން މެންބަރުން ކަންބޮޑުވެއްޖެ

އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކޮށްފައި ނުވާތީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި ރޭގެ ވަގުތެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އެދިވަޑައިގެންފަ އެވެ.

އެއާއެކު ފުލުހުން ވަނީ ބަންޑާރަނާއިބުގެ ސިޓީގައި އަންގަވާފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ. ބަންޑާރަ ނައިބްގެ ސިޓީގައި މައިގަނޑު ހަތަރު ކަމެއް ފާހަގަ ކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާންގެ މަރުގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދުމާއި، ތަހުގީގު ރިޕޯޓްގެ މައްޗަށް ބިނާކޮށް އިތުރަށް ކުރަންޖެހޭ ތަހުގީގުތައް ކުުރުމާއި، ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ފުލުހުން މިހާރު އަދާ ކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން މުޅިން އެކަހެެރި ކުުރާއި ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގައި ރިލްވާންގެ ޕާސްޕޯޓާއި ގުޅޭ ގޮތުން މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަޝްވަރާތަކެއް ކުރައްވާފައި ވާކަން ފާހަގަ ކޮށްފައިވާތީ އެކަން ތަހުގީގު ކުުރުމެވެ.

ނަމަވެސް ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްުޔަރު ކުުރުމުގެ ބަދަލުގައި ފުލުހުން ވަނީ އެ ދެ މީހުން މަސައްކަތުން އެކަހެރިކޮށްފަ އެވެ.

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ގޭގައި މަޑުކުރަން އެންގުމުން ނުފުދޭ ކަމަށާއި ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް އެ މީހުން ހައްޔަރު ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެ ދެ ފުލުހުންނާ ހިސާބުން މައްސަލަ ނުނިމޭ ކަމަށާ އެ މީހުންގެ ސުޕަވައިޒަރާއި، އޭރުގެ އިންޓެލިޖެންސްގެ ވެރިޔާގެ އިތުރުން އޭރުގެ ކޮމިޝަނަރާއި، އޭރުގެ ހޯމް މިިނިސްޓަރު ވެސް ރިލްވާން މަރުގެ ޒިންމާ ނަގަންޖެހޭ ކަމަށް މީކާއީލް ވިދާޅުވެފައި އެވެ.

"ގޭގަ މަޑުކުރަން އެންގުމަކުން ނުފުދޭ، ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް އެ މީހުން ހައްޔަރު ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ގޭގަ މަޑުކުރަން އެންގުމަކުން ނުފުދޭ، ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް އެ މީހުން ހައްޔަރު ކުރަންޖެހޭ. އަދި އެ ހިސާބުން ވެސް މިކަމެއް ނުނިމޭ، ދެ ފުުލުހުންގެ ސުޕަވައިޒަރާއި، އޭރުގެ އިންޓެލިޖެންސްގެ ވެރިޔާއާ އޭރުގެ ކޮމިޝަނަރާއި އޭރުގެ ހޯމް މިިނިސްޓަރު ވެސް ޒިންމާ ނަގަންޖެހޭ.
މީކާއިލް އަހުމަދު ނަސީމް | މަޖިލިސް މެންބަރު

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވެސް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ރަޝީދު ވިދާޅުވީ ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުން މަސަތްކަތް ކުރީ ކޮން ބައެއްގެ އަމުރަކަށްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި އެ އަމުރުކުރި ބަޔަކު ވަގުތުން ހައްޔަރު ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނޫނީ މީހުން މެރުން ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ފުލުހުން ހައްޔަރުކޮށްފައިނުވާތީ މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފުލުހުންގެ އެންމެ އިސްވެރިން ބަދަލުވި ނަމަވެސް ޑިޕާޓްމަންޓްތަކުގައި އަދިވެސް އިސްކޮށް ތިއްބެވީ މީގެ ކުރިން ގޯސް ހެއްދެވި ބޭފުޅުން ކަމަށް އެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ ފުލުހުންގެ ބައެއް އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކުރަން އެންގުމާއި ގުޅޭ ގޮތުން ބަންޑާރަނާއިބް "އަވަސް" އަށް ވިދާޅުވީ އެ ދެ ފުލުހުން ހައްޔަރު ކުރަން އަންގާފައި ވާނީ އެ މީހުން މިނިވަންކަމާއެކު މުޖްތަމައުގެ ތެރޭގައި އުޅެމުންދާނަމަ އިންސާފަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ހުރަސްއެޅިދާ ނެތީ ކަމަށެވެ.