ހަބަރު

"ރިލްވާން މައްސަލައަށް ހުރަސް އެޅި ދެ ފުލުހުން ހައްޔަރު ކުރެވޭކަށް ނެތް"

Sep 6, 2019
6

އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުންނާ ދެކޮޅަށް ހެއްކެއް ނެތް ކަމަށާއި އެހެންކަމުން އެ މީހުން ހައްޔަރު ކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާާޅުވެގެން އިންޓެލިޖަންސްގެ ދެ ފުލުހުން ކަމަށްވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ވަނީ ރިލްވާންގެ ޕާސްޕޯޓު ހަދަން މަސައްކަތްކޮށްފަ އެވެ. އަދި އޭޖީ އޮފީހުން ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރުމަށް ފުލުސް އޮފީހަށް އަންގައިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ މިރޭ ނެރުނު ބަޔާނުގައި ބުނީ ރިލްވާންގެ މައްސަލައަކީ މަރުގެ ކޮމިޝަން އިން ތަހުގީގު ކުރަމުންދާ، އަދި އެ ކޮމިޝަންގެ ހާއްސަ އިހުތިސާސްތަކުގެ ތެރޭ ހިމެނޭ ޖިނާއީ މައްސަލައައް ކަމަށާއި މަރުގެ ކޮމިޝަން އިން ކުރި ޖިނާއީ ތަހުގީގުން ހެއްކާއި ގަރީނާތައް ހޯދައި މައުލޫމާތު އާންމުކޮށްފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން ޖިނާއީ އިޖުރާއަތްތައް އަލުން ހިނގުމުގެ ކުރިން ރޭ މަރުގެ ކޮމިޝަންއާ ފޯނުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އެ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ދެ ފުލުހުންނަށް އިދާރީ ގޮތުން ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ދެ ފުލުހުން ވެސް ވަަޒީފާގެ މައްސޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށާއި އެ މައްސަލަތައް ޑިސިޕްލިނަރީ ބޯޑުން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.