ދުނިޔެއާ އެއްގޮތް ސިފަތަކެއް ލިބިފައިވާ ކަމަަށް އެންމެ ބޮޑަށް ގަބޫލު ކުރެވެނީ މާސް އަށެވެ. އަދި 2000 ވަނަ އަހަރު ފެށިގެން ސައިންސްވެރިން އެންމެ ގަދައަށް ދައްކާ ވާހަކައަކީ ވެސ މާސްގެ ވާހަކަ އެވެ. އެކަމަކު އޭގެ ކުރިން ސައިންސްވެރިން އެންމެ ގަދައަކަށް ދައްކާ އުޅުނީ ވީނަސްގެ ވާހަކަ އެވެ. ސަބަބަކީ އޭރު ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔެއާ އެންމެ އެއްގޮތް ސިފަތަކެއް ލިބިފައިވަނީ ވީނަސް އަށެވެ. މިހާރު ސައިންސްވެރިން އެންމެ އިސްކަމެއް މާސްއަށް ދީގެން އުޅުނު ނަމަވެސް ވީނަސް އިން ދުނިޔެއާ އެއްގޮތް ކަމަށް ފެނިފައިވާ ސިފަތަކާ ގާތަށް މާސްއިން އެ ސިފަތަށް ފެނިފައެއް ނުވެ އެވެ.
ވީނަސްގެ ވާހަކަތަކަށް ފަނޑު ކަމެއް އައިސްފައި ވަނިކޮށް، އަނެއްކާވެސް ސައިންސްވެރިން މިވަނީ ވީނާސް ދުނިޔެއާ އެއްގޮތް ކަމަށް ފެނުނު ސިފަތަށް ދިރާސާ ކުރަން ޖައްވީ އުޅަނދާއި އެސްޓްރޮނޯޓުން ފޮނުވަން ޖެހޭކަމަށް ބުނެ ބޮޑު ބަހުސަކަށް ގޮސްފަ އެވެ. މި ބަހުސް ކުރިއަށް ދަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ސައިންސްވެރިންގެ މެދުގަ އެވެ.
ޔޫރަޕްގެ ގިނަ ޖައްވީ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އިންސާނުންނަށް އެކަށީގެންވާ ވެއްޓެއް މާސްގައި ގާއިމް ކުރުމުގެ މަސައްކަތް ކާމިޔާބު ކުރާނެ ގޮތްތަށް އެނގުނު ނަމަވެސް، އެ މަސައްކަތް ކުރެވޭ ވަރަށް ފައިސާއެއް ނެތެވެ. އެހެންކަމުން މާސްއިން ނެއްޓިގެން ވީނަސް އަށް ދާން ޖެހޭ ކަމަށް ޔޫރަޕްގެ ސައިންސްވެރިން ބުނެ އެވެ.
އެމެރިކާގެ ސައިންސްވެރިން ވީނަސްގައި އިންސާނުންނަށް އެކަށީގެންވާ ވެއްޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ދެކޮޅު ހަދަމުންދަނީ ވީނަސްގައި މާސްއަށް ވުރެ ގިނައިން ވިހަ ގޭސްތަކާއި ރޭޑިއޭޝަން ހުރުމުންނެވެ. އަދި މާސްގައި ކުރަމުން ދިޔަ މަސައްކަތް އަލުން ވީނަސްގައި ކުރަން ޖެހުމަކީ ދިގު މުއްދަތެއްގައި ކުރަން ޖެހޭ ބޮޑު ހަރަދެއް ކަމަށްވެސް އެ މީހުން ބުނެ އެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް، މާސްގެ ބިމުގެ ސަތަހައާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ހަމައެކަނި ހަތަރު އަހަރު ހޭދަ ކުރަން ޖެހުނެވެ.
ނާސާގެ ސައިންސްވެރިން މީގެ ކުރިން ވީނަސްގެ މައުލޫމާތު ހޯދަން ޖައްވީ އުޅަނދުތަކެއް ފޮނުވުމުން، ވީނަސްގައި އުފެދޭ ތޫފާންތަކުގެ ސަބަބުން ގިނަ އުޅަނދުތަކެއް ވަނީ ހަލާކުވެފަ އެވެ. ނާސާއިން މިހާރު ވެސް ގެންދަނީ ވީނަސްގެ ދިރާސާތަކެއް ކުރަމުންނެވެ. އެ ދިރަސާތަކުން ވީނަސް ދުނިޔެއާ އެއްގޮތް ކަމަށް ދެއްކި ނަމަވެސް ނާސާއިން ދަނީ ވީނަސްގައި އިންސާނުންނަށް އެކަށީގެންވާ ވެއްޓެއް ހޯދުމުގެ މަސައްކަތް ކުރަން ދެކޮޅު ހަދަމުންނެވެ. ސަބަބަކީ ވީނަސްގައި ހުންނަ ވިހަ ގޭސްތަކާއި ރޭޑިއޭޝަންތައް ކޮންޓްރޯލް ކުރާނެ ގޮތް ހޯދިފައެއް ނެތެވެ.
ދެހާސް ވަނަ އަހަރުގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ވީނަސް އަކީ ނޫކުލައިގެ ޕްލެނެޓެކެވެ. މިހާރު ވީނަސް ފެންނަނީ މަޑު މުށި ކުލައެއްގެ ސިފައިގަ އެވެ. ކުރިން ވީނަސް ނޫކުލައިގައި ފެނުނީ އެ ޕްލެނެޓުގައި ފެނުގެ ނިސްބަތް ގިނަ އަދަދަކަށް ހުރުމުންނެވެ. އޭރުގެ ދިރާސާތައް ދައްކާ ގޮތުން ދުނިޔެއަށް ވުރެ ގިނައިން ވީނަސްގައި ފެން ހުއްޓެވެ. ވީނަސް އާއި ދުނިޔޭގެ ބޮޑުމިން ވަނީ ދާދި އެއްވަރެކެވެ. ޔަގީންކަމާއެކު ސައިންސްވެރިން ބުނަން ނޭގުނު ކަމަށްވިޔަސް ވީނަސްގައި އެއް އިރެއްގައި ބޮޑު ކަނޑެއް އޮތެވެ. ނަމަވެސް ޖައްވައް އައި ގުޑުމެއްގައި ވީނަސްގައި ހުރިހާ ފެނެއް އެވަޕެރޭޓްވުމުގެ ސަބަބުން އޮކްސިޖަން ލެވެލް ދަށްވެ ވިހަ ގޭސްތަކާއި ރޭޑިއޭޝަންތަކުގެ ހާއްޔަކަށް ވީނަސް ވެގެން ދިޔައީ އެވެ.
ދިރަސާތަކުން މިހާރުވެސް ދައްކާގޮތުން ވީނަސްގައި ހުންނަނީ ދުނިޔޭގައި ހުންނަ ކަހަލަ ފަހެވެ. އެހެން ކަމުން ވީނަސްގައި ގަސްގަހާ ގެހީގެ ބަވާތް ހުރި ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. ވީނަސްގައި ދުނިޔެއަށް ވުރެ ގިނައިން ފެން ހުރެފައި އިރުގެ އަލި ވީނަސްއަށް ރަނގަޅަށް ލިބޭތީ ގަސް ހުންނާނެ ކަމަށް ހުރިހާ ސައިންވެރިން އިއްތިފާގުވަނީ އެވެ.
މާސްގައި އެތަކެއް މިލިއަން އަހަރެއް ކުރިން ފެން ހުރިކަން ޔަގީން ވިޔަސް އެއްވެސް ބާވަތެއްގެ ގަހެއް ހުރިކަމަށް ހޯދިފައެއް ނުވެ އެވެ. ޕްލެނެޓުތަކުގެ ތެރެއިން ސައިންސްވެރިންނަށް އެންމެ މަދުން މައުލޫމާތު ހޯދިފައިވަނީ ވީނަސްއާ ބެހޭ ގޮތުންނެވެ. ވީނަސް ދިރާސާ ކުރަން ޖެހޭ ކަމަށް ޔޫރަޕްގެ ސައިންސްވެރިން ބުނަނީ މިހެން ވެގެންނެވެ.