މޯލްޑިވިއަން

މޯލްޑިވިއަންގެ އާ ޓިކެޓިން އޮފީސް ހުޅުވައި، ހިދުމަތް ޒަމާނީ ކުރަނީ

މޯލްޑިވިއަންގެ އާ ޓިކެޓިންގެ އޮފީސް ހުޅުވައި، ހިދުމަތްތަކަށް ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރީގެ އުމަރު ޝޮޕިން އާކެޑް އަދި މިހާރުގެ ސިޓީ ސްކެއާ ބިލްޑިންގަގައި، އާ ޓިކެޓިން އޮފީސް މިއަދު ހުޅުވައި ދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސްގައި ތިބި އެންމެ ދުވަސްވީ މުވައްޒަފުންނެވެ.

މި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ އެ ކުންފުނީގެ ހިދުމަތްތައް ދުވަހެއް ދުވަހަށް ރަނގަޅު ކުރަން މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާ، ކުންފުނީގެ މިހާރުގެ މިސްރާބު ހުރީ ހިދުމަތް ފުޅާކޮށް، ޒަމާނީ ބަދަލު ތަކެއް ގެނެސް، މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމް ކުރަން ކަމަށެވެ.

"އަޅުގަނޑު މި މަގާމާ ހަވާލު ވެގެން އިސްކަމެއް ދިން އެއް ކަންމަކީ މުވައްޒަފުންނަށް ރަނގަޅު މަސައްކަތް ކުރާނެ މާހައުލެއް ގާއިމް ކުރުން. މިގޮތުން ވަރަށް ބައިވަރު ޑިޕާޓްމަންޓުތައް މަޑުމަޑުން ނަމަވެސް އާ އޮފީސް ތަކަށް ބަދަލު ކުރަމުން މި ގެންދަނީ،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ އޮފީހުގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވެގެންދާނެ ކަމަށެވެ.

"ކުރިން އޮތީ މަސައްކަތުގެ މާހައުލު ވަރަށް ދަތިކޮށް. ނަމަވެސް މިހާރު ކޯލްސް ސެންޓަރު އެކްސްޕެންޑުވެ، ތަންކޮޅެއް ބޮޑަށް މުވައްޒަފުން ވެސް ބައިވެރި ވާނެ. މީގެ ސަބަބުން ސާވިސް ވެސް ރަނގަޅު ވެގެން ދާނެ،" ރިޒްވީ ވިދާޅުވި އެވެ.

ޓިކެޓިން ހިދުމަތް ދޭން އެޕެއް

ރިޒްވީ ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޓިކެޓިން ހިދުމަތް ލިބޭނެ މޮބައިލް އެޕެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށެވެ.

"މިހާރު ވެސް ވައިބާ މެސެޖް ތްރޫކޮށް ބުކިން ހެދުމުގެ ކަންތައް ކުރަމުން ގެންދެވޭނެ. އޮޕަރޭޝަން ގައުމު ތަކަށް އިތުރުވީމަ މިއީ ފުޅާ ވެގެންދާނެ ކަމެއް. މޮބައިލް އެޕްލިކޭޝަންގެ މަަސައްކަތް ވަނީ ފެށިފައި،" ރިޒްވީ ވިދާޅުވި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަނީ އެ ކުންފުނީގެ ހިދުމަތް ފުޅާ ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އާ މަންޒިލްތަކަށް ދަތުރު ފެށުމުގެ ގޮތުން 330 މަރުކާގެ ބޯޓެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބޯޓާއެކު ޗައިނާގެ އިތުރުން ސިޓީތަކަށް ދަތުރު ފަށާނެ ކަމަށް ގައުމީ އެއާލައިން އިން ވަނީ ބުނެފަ އެވެ.